Last Updated: May 15, 20:07
Wednesday, May 15, 2024
ރިޕޯޓް

ގެއްލުނު ހާޒިރީ: މަރުހޫމް މައިޒާން ހަސަންބެ

ދެހާސް ވިހީގައި "މައިޒާން ހަސަން މަނިކު" ގެ ހަނދާނުގައި ނެރުނު ފޮތް.

އަލްމަރްހޫމް މައިޒާން ހަސަން މަނިކަކީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމާއި އަޅާލުމުގެ ލާމަސީލު ނަމޫނާއެއް ދިވެހިންނަށް ދެއްކެވި ބޭފުޅެކެވެ. އަދި މައިޒާން ހަސަންބެ އަކީ ޒުވާނުންނާއި މުސްކުޅިންނަށް ވަރަށް ގާތްކަން ބޭއްވި އަދި މަޢުލޫމާތުގެ އެހީތެރިކަން ފޯރުކޮށް ދެއްވި ބޭފުޅެއްކަމާ މެދު އެއްވެސް ސުވާލެއް ނެތެވެ.

އެ ޒަމާނުގައި މިއުޒިކުގެ ފަންނު ކުރިއެރުވުމާއި، ތިމާވެށީގެ ރޮނގުން ގަސްގަހާގެއްސާއި ފަރުތަކުގެ މޫސުމީ އާދަކާދަތަކުގެ މަޢުލޫމާތު ދިރާސާކުރެއްވުމާއި، ކުރެހުމާއި، ފަރުމާކުރުމާއި، ފައިދާކުރަނިވި ތާރީޚީ އާސާރުތައް ދިރުވާ އެ ދާއިރާ ކުރިއެރުވި ރާއްޖޭގެ ނަން މަޝްހޫރު ބޭފުޅުންގެ ތެރެއިން ހަސަންބެ ހިމެނިވަޑަިގަންނަވާ ކަން މިއަދުގެ ދިވެހިން ހެކިވާނެ ކަން އަޅުގަނޑަށް ޔަގީނެވެ.
އެ ޒަމާނުގެ މަދު ވަސީލަތްތަކާ އެކީ ވެސް މައިޒާން ހަސަންބެ އަކީ ވަރަށް އާ ހޯދުންތަކާއި އާ ވިސްނުން ގެންގުޅުއްވި ނަލަ ސަކަ މިޒާޖެއްގެ ހުރިހާ އުމުރު ފުރައިގެ ދިވެހިންގެ ރައްޓެއްސެކެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ހޮޓެލް ސްކޫލް އިން 1987 ވަނަ އަހަރު ކިޔަވަމުން ދިޔަ ދުވަސްވަރު ވަރަށް ގިނައިން އެތަނުގެ ޚަބަރު އޮޅުން ފިލުއްވާ ހިތްވަރުދީ ތިޔައީ މުސްތަގުބަލުގެ މެނޭޖަރުންތާއޭ ބުނެ ޖަހައިލާ ހިނިގަނޑުގަނޑުން މާ ބޮޑަށް ވެސް ހިތްވަރު ލިބި ދާއިރާ އަށް ލޯ ހުޅުވައިލެވުނެވެ.

ހޮޓެލް ސްކޫލް ނިމިގެން އޭރު ހަސަންބެ އާއި މޮޑީ އާއި އައްބާސްމެން ހަދަމުން ދިޔަ ފަންއަ އިލެންޑް ރިސޯޓްގެ ކޮންސްޓަރަކްޝަން މަސައްކަތް ހިނގަމުން ދިޔަ އިރު އެތަނަށް ދާށޭ އެތަނުގައި ހުރިހާ ސާމާނެއް ހަމަވާނޭ ބުނުމުން އެތަނަށް ދިއުމުގެ ފުރުސަތު ލިބުނެވެ. ލައްކަ ދަސްވި އެވެ. މިއަދާ ހަމަޔަށް މިކަމުގައި އުޅުމުގެ ހިތްވަރަކީ މައިޒާން ހަސަންބެގެ އަގުނުކުރެވޭ އިރުޝާދާއި ފިލާވަޅުތަކެވެ.

މި އަހަރު އަލަށް މި މަހުގެ 3 ވަނަ ދުވަހުގެ ރޭ ފާހަގަކުރި ރާއްޖޭގެ ޓުއަރިޒަމް ދުވަހު ވަރަށް ހަނދާންވި އެވެ. އަދުގެ މިނިސްޓްރީ އަދި ސަރުކާރު ހަނދާން ހުރިހެނެއް ހިއެއް ނުވެ އެވެ. ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުނު މި އަހަރުގައި މިވަރު ބައެއްގެ އަތުން އެވަރު ކަމެއް ހިނގާފާނެތާ އެވެ. އުމުރުން 49 އަހަރުގައި 2002 ގައި އަވަހާރަވި ހަސަންބެ އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި އެވެ.

އެޑިޓަރުގެ ނޯޓް: މިއީ "ގެއްލުނު ހާޒިރީ" ގެ ނަމުގައި އައިސީ "އައްޑޫ ލައިވް" ގައި ގެނެސްދޭ ދެވަނަ އާޓިކަލެވެ. މި ސުރުހީގެ ދަށުން ގެނެސްދޭ ލިޔުންތައް އަމާޒުކޮށްފައި ހުންނާނީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގެ ހިދުމަތްތެރިންގެ ތެރެއިން އެ މީހުންގެ ހިދުމަތުގެ އަގުވަޒަން ނުކުރެވި ހުރި، އެކަމަކު އެ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރި "ގެއްލިފައިވާ" ހިދުމަތްތެރިންގެ ވާހަކަތަކަށެވެ.