Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ކަންޓޭ އަށް ވޯލްޑް ކަޕް ގެއްލިއްޖެ

އަނިޔާގެ ސަބަބުން ޗެލްސީގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭއަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން ޔަގީންވެއްޖެ އެވެ.

މިދިޔަ އޮގަސްޓު މަހުގެ 14 ވަނަ ދުވަހު ޕްރިމިއާ ލީގުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅެ 2-2 އިން ޗެލްސީ އެއްވަރުވި މެޗުގައި ލިބުނު އަނިޔާއަށްފަހު ކަންޓޭ މެޗެއް ކުޅެފައެއް ނުވެ އެވެ. އެފަހަރު ލިބުނު އަނިޔާ އިން ރަނގަޅުވެ ފަރިތަކުރުންތަކުގައި ކަންޓޭ ބައިވެރިވާން ފެށިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އަނެއްކާވެސް ވަނީ އަނިޔާވެފަ އެވެ.

ފައިގެ ފަލަމަސްގަނޑަށް ލިބުނު އެ އަނިޔާގެ ސަބަބުން ކަންޓޭ ކުޅުމާ ދުރުގައި ހުންނަންޖެހޭނެ މުއްދަތެއް ޗެލްސީން ހާމަކޮށްފައި ނުވާއިރު ރިޕޯޓުތައް ބުނާ ގޮތުން އެ އަނިޔާގެ ސަބަބުން ގާތްގަނޑަކަށް ތިން މަސް ދުވަހަށް ކަންޓޭ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ.

އެހެންކަމުން އަންނަ މަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ކަންޓޭ އަށް މިހާރު ވަނީ ގެއްލިފަ އެވެ. ކަންޓޭ އަކީ ޗެލްސީ އާއި ފްރާންސްގެ މެދުތެރޭގައި ފާއިތުވި އަހަރުތަކުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

ލެސްޓަ ސިޓީން 2016 ވަނަ އަހަރު ޗެލްސީއާ ގުޅުނު ކަންޓޭ އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. ނަަމަވެސް ކަންޓޭގެ ކޮންޓްރެކްޓް އާކުރުމާ މެދު ޗެލްސީން އަދި ވަކިގޮތެއް ނިންމާފައެއް ނުވެ އެވެ.