Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

އަޒްހާންގެ މަރުގައި މީހަކަށް ތުހުމަތެއް ނެތް: ފުލުހުން

އަޒްހާން

ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނު ހ. ބޮނޑިކަނދޮޅުގޭ، މުހައްމަދު އަޒުހާންގެ މަރާ ގުޅިގެން އެއްވެސް މީހެއްގެ މައްޗަށް އަދި ތުހުމަތެއް ނުކުރެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

އަޒުހާން ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަޒްހާން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނިފައިވަނީ ހުޅުމާލެ ވޯޓާ ތީމް ޕާކް ކުރިމަތީގައި އޮންނަ ހުސް ބިމުންނެވެ.

މި މައްސަލައިގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވަނީ، އަޒްހާންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ހަދަންޖެހޭ ތަހުލީލުތައް ހަދާ އޭގެ ވަގުތީ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އެގޮތުން ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ނެތްކަން ވަގުތީ ރިޕޯޓުން އެނގޭ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ފައިނަލް ރިޕޯޓް ލިބުމަށް ދެމަސް ދުވަސްވަރު ނަގާނެ ކަމަށެވެ.

އަޒްހާންގެ މަރާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ފުލުހުން ބުނެފައިވަނީ އަޒްހާން އޮތް ސަރަހައްދުން ކުނިވަސް ދުވާތީ އެއްވެސް ފަރާތަކުން ފުލުހުންނަށް ރިޕޯޓެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ހަށިގަނޑު ފެނުނީ ފުލުހުންނަށް ލިބެމުންދިޔަ މައުލޫމާތުގެ އަލީގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އަޒްހާންގެ ހަށިގަނޑު ފެނުނުއިރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި، ކާކުކަން ނޭންގޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އަދި ހަށިގަނޑު ފެނުނު ތަނުގައި އޮތީ ކަށިތަކެއް ކަމަށެވެ.

މި މައްސަލައިގައި އެއްވެސް ފަރާތެއްގެ މައްޗަށް ތުހުމަތެއް އަދި ނުކުރެވޭ ކަމަށާއި، ކަންކަން ސާފުކުރުމުގެ މަސައްކަތް ކެނޑި ނޭޅި ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ސޯޝަލްމީޑިއާގައި އަޒްހާންގެ ފޮޓޯކަމަށް ބުނާ ފޮޓޯއަކާއި ލިންކެއް ދައުރުކުރަމުންދާ ކަމަށެވެ. އެެހެންނަމަވެސް އެއީ އަޒްހާންގެ ފޮޓޮއެއް ނޫން ކަމަށާއި އެ ލިންކަކީ ސްކޭމެއްގެ ލިންކު ކަމަށެވެ.