މުހައްމަދު މިންހާޖު ގެއްލުނު މައްސަލައިގައި ބަންޑުން ޖަހާލި ލޯންޗުގެ ދަތުރާ ބެހޭގޮތުން، އެ ލޯންޗުން ސަލާމަތްވި މީހާ ދޭ މައުލޫމާތު ގަބޫލު ނުކުރެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ، ބަންޑުން ޖަހާލި ލޯންޗުން ސަލާމަތްވި މީހާގެ ފަރާތުން ސާފުކުރަންޖެހޭ މައުލޫމާތު ސާފު ކުރަމުންދާ ކަމަށެވެ.
އެހެންނަމަވެސް މިދަތުރާ ބެހޭގޮތުން ލިބޭ މައުލޫމާތަކީ މުޅިން ސައްހަ މައުލޫމާތެއް ކަމަށް ނުބެލެވޭ ކަމަށާއި، އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެންނަމަވެސް ހާދިސާއެއް ދިމާވެ ލޯންޗު އަޑިއަށް ދިޔަކަމާ މެދު ސުވާލެއް ނުއުފެދޭ ކަމަށާއި، ޖީޕީއެސްއިން ވެސް އެފަދަ ހާދިސާއެއް ދިމާވިކަން އެނގޭ ކަމަށް ބުނެފައިވެއެވެ.
މިމައްސަލައިގައި ސަލާމަތްވި މީހާގެ ފަރާތުން ލިބިފައިވާ މައުލޫމާތަކީ އެމީހުން ލޯންޗުގައި މަހަށް ނިކުމެ އުޅެނިކޮށް ބަންޑުން ޖަހާލީ ކަމަށާއި، އެެހެންނަމަވެސް ލޯޗުން ވަރަށް ގިނަ ތެޔޮ ފެނުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޕްރެސް ކޮންފަރެންސްގައި ފުލުހުން ތަކުރާރުކޮށް ބުނެފައިވަނީ މިންހާޖް ގެއްލުނު މައްސަލައިގައި، މުޅި ދަތުރާ ގުޅޭގޮތުން ސަލާމަތްވި މީހާ ދޭ މައުލޫމާތު ގަބޫލު ނުކުރެވޭ ކަމަށެވެ.