Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

ފްލައި ދުބާއީއާ އެކީ ބޮޑު ކުރިއެރުމެއް އަންނާނެ

ޔޫއޭއީގެ ފްލައި ދުބާއީގެ ދަތުރުތައް އަންނަ އަހަރުގެ ކުރީކޮޅު އައްޑު އަށް ފެށުމަކީ އައްޑު އަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށް ގަން އެއާޕޯޓް ހިންގާ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު ވިދާޅުވެއްޖެ އެވެ.

"އައްޑޫ ލައިވް" އަށް އޭނާ މިއަދު ވިދާޅުވީ ފްލައި ދުބާއީ އަކީ މިހާތަނަށް އެންމެ ރަނގަޅު އިންތިޒާމެއްގެ ދަށުން ގަމަށް ޝެޑިއުލް ދަތުރުތައް ކުރާނެ އެއާލައިނެއް ވާނެ ކަމަށެވެ. އެ އެއާލައިނުން ކޮންމެ ދުވަހަކު ދަތުރުތައް ބާއްވާ ގޮތަށް ގަމަށް އުދުހެން ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 4 އިން ފެށިގެންނެވެ.

ގައިސް ވިދާޅިުވީ ފްލައި ދުބާއީގެ ދަތުރުތައް ރާއްޖޭގެ އެންމެ ދެކުނަށް އަދި ރާއްޖޭގެ ދެވަނަ އިންޓަނޭޝަނަލް އެއާޕޯޓަށް ފަށަނީ އެއާލައިންއާ އެކީ މިކަމުގެ މަޝްވަރާތައް ކުރިއަށްދާތާ ދެ އަހަރު ފަހުން ކަމަށެވެ.

"މިކަމުގެ މަޝްވަރާތަކެއް އަޅުގަނޑުމެން އެންމެ ފަހުން ކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި. މި ފަހަރު މިކަން ހަގީގަތަކަށްވުމަކީ ހަގީގަތުގައ ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް." ފްލައި ދުބާއީގެ ރާއްޖޭގެ އޭޖެންޓް އިނަ މޯލްޑިވްސްއާ ގުޅިގެން ކުރެވުނު މަސައްކަތްތަކާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.

ގައިސް ވިދާޅުވި ގޮތުގައި ފްލައި ދުބާއީގެ ދަރުތައް ގަމަށް ފެށުމުން އައްޑޫގެ އިތުރުން ދެކުނަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، އައްޑޫގެ އިތުރުން މުޅި ސަރަހައްދުގެ އިގުތިސާދީ ގޮތުން ވެސް ބޮޑު ކުރިއެރުމެއް އަންނާނެ އެވެ.

"އެހެންވެ މިހާރު މިކަން ޕްރޮމޯޓްކުރުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ފޯކަސްއެއް. ހުރިހާ ސްޓޭކް ހޯލްޑަރުންނާ ބައްދަލުކޮށް މިކަމާ ގުޅޭ މަޝްވަރާތައް ވެސް ކުރިއަށް ގެންދެވޭނެ. މިހާރު ވެސް ވަރަށް ގިނަ ބަޔަކު މިކަން ވަރަށް ޕޮޒިޓިވް ނަގަނީ،" އޭނާ ވިދާޅުވި އެވެ. "އެންމެން ވެސް މިކަން ޕޮޒިޓިވްކޮށް ނަގައި، ގުޅިގެން ކުރެވޭ މަސައްކަތްތަކުން ހަގީގަތުގައި ކުރިއެރުން ހޯދޭނެ."

ގައިސް ވިދާޅުވީ ފްލައި ދުބާއީގެ ދަތުރުތައް ގަމަށް ފެށުމަށް ފަހު، މިކަމަކީ ނުހުއްޓި ދާއިމިކޮށް ކުރެވޭ ކަމަކަށް ހެދުންވުން މުހިއްމު ކަމަށެވެ.

"އެހެންވެ މި ސަރަހައްދުގެ ޓޫރިޒަމް އިންޑަސްޓްރީގެ ހުރިހާ އެންމެންގެ ސަޕޯޓާއި އެއްބާރުލުން ބޭނުން ވާނެ. އަޅުގަނޑުމެންނާއި ފްލައި ދުބާއީއާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި ވެސް ވަރަށް ބޮޑަށް ވާހަކަ ދެކެވުނު މިކަމެއް މިކަން ސަސްޓެއިން ކުރަން ދެ ފަރާތުން ވެސް ކުރަން ޖެހޭ ކަންކަން،" އޭނާ ވިދާޅުވި އެވެ. "އެހެންވީމަ އެއާޕޯޓް ސައިޑުން ކުރަން ޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން. ހަގީގަތުގައި ސަދަން ރީޖަން އަކީ މިފަދަ ކަންކަމަށް ޕޮޓެންޝަލް އޮތް ތަނެއް. އެހެންވެ ލިބޭ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފައި އެންމެން އެކީގައި މަސައްކަތްކުރަންވީ."

ފްލައި ދުބާއީ ގަމަށް ދަތުރުތައް ފަށަން ތައްޔާރުވާ އިރު، މި ވަގުތު ގަމަށް ޝެޑިއުލް ދަތުރު ބާއްވާ ހަމައެކަނި ބޭރުގެ އެއާލައިނަކީ ސްރީ ލަންކަން އެއާލައިންސެވެ.

"އަޅުގަނޑުމެން އެބަ މަޝްވަރާކުރަން ކުރިއަށް އޮތް ތަނުގައި ވެސް އިތުރު އެއާލައިންތަކެއް ގެނައުމާ ގުޅޭ ގޮތުން. އެގޮތުން އިންޑިއާ ޗައިނާ ސަރަހައްދަކީ ވެސް ހަމަ ވަރަށް ރަނގަޅު މާކެޓެއް." ގައިސް ވިދާޅުވި އެވެ.