އައްޑޫ ގަމުގައި ރިސޯޓެއް ތަރައްގީކުރަން ނިންމާފައިވާ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އިން ބުނެފި އެވެ.
ރާއްޖޭގެ ދެވަނަ އިންޓަނޭޝަނަލް އެއާޕޯޓް އޮތް ރަށުގައި ރިސޯޓެއް ތަރައްގީކުރުމާ ބެހޭ ގޮތުން އޭއައިއޭގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު "އައްޑޫ ލައިވް" އަށް ވިދާޅުވީ އެ ރިސޯޓް ތަރައްގީކުރަން ނިންމާފައި ވަނީ ގަމުގެ ސަދަން އެންޑްގައި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަން ކަންކަން އަންނަނީ ކުރެވެމުންނެވެ.

ގަމުގައި ރިސޯޓެއް ތަރައްގީކުރުމަކީ އޭއައިއޭ އިން ގަމުގެ ބެޑް ކެޕޭސިޓީ 500 އަށް އިތުރުކުރަން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުގެ ބައެކެވެ. އެގޮތުން ކުރީގެ ދޫގަހުގައި ހަދަން ނިންމާފައިވާ ސިޓީ ހޮޓަލުގެ އިތުރުން އެއާޕޯޓް ހިމެނޭ ސަރަހައްދުގައި 200 އެނދުގެ ބުޓިކް ހޮޓަލެއް ހެދުމަކީ ވެސް ޕްލޭންކޮށްފައި ހުރި ކަންކަން ކަމަށް ގައިސް ވިދާޅުވި އެވެ.
ކުރިން ސަރުކާރުގެ ގެސްޓް ހައުސްއެއްގެ ގޮތުގައި ހިންގި ދޫގަސް ފަހުން، އަމިއްލަ ބައެއް ކުންފުނިތަކާ ހަވާލުކޮށްގެން ވެސް ހިންގާފައިވެ އެވެ. އަދި ފަހުން އެތަނުގައި ހޮޓަލެއް ތަރައްގީކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޕީއެލްއާ ހަވާކުރި އެވެ. އެކަމަކު އެ ވެރިކަން ނިމުނީ އެ މަޝްރޫއު ހަގީގަތަކަށް ނުވެ އެވެ.
ގަން އެއާޕޯޓަށް ދޫގަސް ދޭން ނިންމައި އެތަނުގައި 120 އެނދުގެ ހޮޓަލެއް ތަރައްގީކުރަން މި ސަރުކާރުން ނިންމިކަން އިއުލާންކޮށްފައި ވަނީ މި އަހަރުގެ މާޗް މަހުގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޑު އަށް ކުރެއްވި ދަތުރުގަ އެވެ. އޭރު ރައީސް ވިދާޅުވެފައި ވަނީ އެ ހޮޓާ އަންނަ އަހަރުގެ މެއި ނުވަތަ ޖޫން ހިސާބުގައި ހުޅުވޭނެެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މިކަމާ ބެހޭ ގޮތުން ގައިސް ވިދާޅުވީ ދޫގަހުގެ މަސައްކަތް ފެށުން ލަސްވީ އެ ބިން އެއާޕޯޓާ ހަވާލުކުރުން ލަސްވެގެން ކަމަށެވެ. އެކަމަކު މިހާރު އެ މަރުހަލާ ނިމިފައިވާތީ، އެތަން ތަރައްގީކުރަން ވަރަށް އަވަހަށް ކޮންޓްރެކްޓަރަކާ އެކީ ސޮއިކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"މި އަހަރު ނިމުމުގެ ކުރިން ސޮއިކުރެވޭނެ." އޭނާ ވިދާޅުވި އެވެ. "އޭރުން ދެން އަންނަ އަހަރު ދޫގަހުގެ ،މަސައްކަތް ފަށައި ގަނެވި އެތަން ނިންމައިލެވޭނެ."

ގަމުގައި ބުޓިކް ހޮޓަލެއް އެޅުމުގެ ވާހަކަ އަކީ 2013 އިން ފެށިގެން ދެކެވެމުން އަންނަ ވާހަކައެކެވެ. އޭރު އެ މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރަސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވި އެވެ.
ގަމުގައި ރިސޯޓެއް ތަރައްގީކުރަން އޭއައިއޭ އިން ނިންމި އިރު އެ ރަށަކީ މިހާރު ވެސް އައްޑޫގެ އެންމެ ޒަމާންވީ ޓޫރިސްޓް ފެސިލިޓީ ހުރި ރަށެވެ. އެއީ ކައިމޫ އިން ހިންގަމުން އަންނަ އީކްއޭޓަ ވިލެޖެވެ.