ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާގައި އެކި ދާއިރާތަކުން އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެ މުވައްޒަފުންނަށް އެވޯޑް ދީފި އެވެ.
ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހަފްލާއެއްގައި ބީއެމްއެލްގެ އެމްޕޯޔޯ އޮފް ދަ އިޔަރ އެވޯޑް ހޯދާފައިވަނީ ޙަސަން އަޤްލީމް (ނޯތު ކްލަސްޓަރ މެނޭޖަރ) އަދި މުޙައްމަދު އަޝްރަފް (ހެޑް އޮފް ޕީޕަލް ޑިވެލޮޕްމަންޓް) އެވެ.
ފާތިމަތު ފާރިހަތު ވަޙީދު (ހެޑް އޮފް ކާޑްސް އެންޑް ޕޭމަންޓް ގަވަރނަންސް)، ޢަބުދުﷲ ޞަބާޙް (ސީނިއަރ މެނޭޖަރ، ޕްރީމިއަމް ބޭންކިންގ) އަދި ބީއެމްއެލް މޯބައިލް އެޕް ޓީމް ވަނީ ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް ހޯދިއިރު މުޙައްމަދު ސަޢީދު (ފަބްލިކް ރިލޭޝަންސް މޭނޭޖަރ) ވަނީ ބެސްޓް ލީޑަރ އެވޯޑް އަދި އަލީ ޒައިދު މުޙައްމަދު (ކޮމްޕްލައަންސް މެނޭޖަރ) ވަނީ ބެސްޓް މެނޭޖަރ އެވޯޑް ހޯދާފަ އެވެ.
މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ހިދުމަތްކޮށްފައިވާ ފަރާތްތަކާއި ޓީމުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެކި ދާއިރާތަކުން ވަނީ އެވޯޑް ދީފަ އެވެ. މީގެ ތެރޭގައި ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް، ބެސްޓް އެޓޯލް އެމްޕްލޯއީ، ކަސްޓަމަރ ސަރވިސް ސްޓަރ އަދި އެވޯޑް ފޯ އިނޮވޭޝަން އެވޯޑް ހިމެނެ އެވެ. މި ހަފްލާގައި އެވޯޑްތައް ހަވާލުކޮށްދެއްވީ ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން އާއި ބޭންކުގެ ބޯޑުގެ ޑިރެކްޓަރުންނާއި އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނެވެ.
މި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަސް މިއަންނަ މަހު ފާހަގަކުރަން ތައްޔާރުވަމުންދާއިރު ފާއިތުވި އަހަރުތަކުގައި ބޭންކުގެ ކާމިޔާބީ އާއި ކުރިއެރުމުގެ ހަގީގީ ބާނީންނަކީ މުވައްޒަފުން ކަމަށެވެ. އަދި މުވައްޒަފުންގެ އަގުވަޒަންކުރުމަށް، މެދުކެނޑުމެއްނެތި މިފަދަ ހަފްލާ ބޭއްވޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އިން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓްއި ން އިން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއަރސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް " ވިދިވިދިގެން ހަތަރު ފަހަރަށް ބީއެމްއެލް އަށް ވަނީ ލިބިފަ އެވެ.