ގެވެށިއަނިޔާ އާއި އާއި ރޭޕް އަދި މީހަކަށް މަރުގެ އިންޒާރު ދިނުމުގެ ތުހުމަތުގައި ހައްޔަރު ކުރުމަށް ފަހު ކަފާލާތުގެ ދަށުން ދޫކޮށްލާފައި ހުރި މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ފޯވާޑް މޭސަން ގްރީންވުޑް އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އުމުރުން 21 އަހަރުގެ ގްރީންވުޑް ހައްޔަކުރީ އޭނަގެ ލޯބިވެރިޔާ ހެރިއަޓް ރޮބްސަން ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޯތަކާއި ވޮއިސް ނޯޓަށް ފަހު އެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް އަދި ދައުވާ އުފުލާފައި ނުވާ އިރު ކަފާލާތުގެ ދަށުން ހުރީ ދޫކޮށްލައިފަ އެވެ.
ގްރީންވުޑް ދެވަނަ ފަހަރަށް ހައްޔަރުކުރީ ކަފާލާތުގެ އުސޫލުތަކާ ހިލާފުވުމާ ގުޅިގެން މިއަދުގެ ވަގުތެއްގަ އެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ގްރޭޓާ މެންޗެސްޓާ ޕޮލިހުން ދީފައެއް ނުވެ އެވެ.
ގްރީންވުޑްގެ މައްޗަށްކުރެވޭ ތުހުމަތުތަކާ ގުޅިގެން ޔުނައިޓެޑުން ވަނީ މުއްދަތެއް ނެތް ގޮތަށް އޭނާ ސަސްޕެންޑްކޮށްފަ އެވެ. އަދި ގްރީންވުޑާ އެކީ ސްޕޮސަޝިޕް އެއްބަސްވުންތައް ހަދާފައިވާ ބައެއް ކުންފުނިތަކުން ވެސް އެއްބަސްވުންތައް އުވާލާފައިވެ އެވެ. އޭގެ ތެރޭގައި ނައިކީ ވެސް ހިމެނެ އެވެ.