Last Updated: May 15, 14:33
Wednesday, May 15, 2024
ރިޕޯޓް

ގެއްލުނު ހާޒިރީ: ޓޫރިޒަމް ރައްޓެހިންގެ މޯ

މުހައްމަދުބޭގެ ދެމަފިރިންނާ އެކީ އައިސީ.

މިއީ ޓޫރިޒަމް އިންޑަސްޓްރީގެ ރައްޓެހިން ކިޔާއުޅޭ މޯ އެވެ. ސ. ފޭދޫ މީހުން ދަންނަ ގޮތުން ދޮންއަލިޔެ މުހައްމަދެވެ.

ފަސްދޮޅޮހުގެ ކުރީކޮޅު ގަމުގެ އިނގިރޭސީންގެ ޕޭންޓްރީ މަސައްކަތް ފެށުން 20 އަހަރު ނުފުރެނީސް އެއީ ޓުއަރިޒަމް ދާއިރާ ފެށުނު ދުވަހެވެ. އިނގިރޭސީން ކައިރީގައި ގިނަ ދުވަހު އުޅުނީ ބާ ވެއިޓަރެއްގެ ވަޒީފާގައެވެ. އެއީ ދިވެހިރާއްޖޭގެ ފުރަތަމަ އުލާއި ސަމުސަލާއި ތަށްޓާއި ތަބަކަށް ލައިގެން ރަސްމީ ސިފައެއްގައި ކާންދޭން ފެށި މީހުންނެވެ.

އިނގިރޭސީން ގަމުން ފޭބުމުން ހިތާ ދެކޮޅަށް ދެން ދާން ޖެހުނީ ރިސޯޓް މަސައްކަތަށެވެ. އާއިލާއާ ދުރަށެވެ. ވިލިނގިލިން ކަނޑި އިސްމާޢީލް މަނިކުގެ ޖެނެރަަލް މެނޭކަރުކަމުގެ މޭސްތިރިކަމުގަ އެވެ. އެއަށް ފަހު އެރިޔަދޫ އަދި ވިލަމެންދޫގައި މަސައްކަތްތަކެއް ކުރެވުނެވެ.

ހަތްދިހައިގެ މެދުތެރޭ މާލެ ގޮސް ރިސޯޓްތަކުގެ މަސައްކަތް ފެށި ގޮތަށް 2004 ގައި ނިންމާލާފައި އަންނަންދެން މެދުނުކެނޑި 35 އަހަރަށް ވުރެ ގިނަ ދުވަހު ޓުއަރިސްޓުންނަށް ޚިދުމަތް ދިނުމުގެ އުފާ ލިބިގަތް ވާހަކަ ބުނީ އުފަލާއި ހިނިތުންވުމާ އެކީގަ އެވެ. ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރުވެގެން އެކަމުގެ ކަންތައް ޓީވީ ނުބަލަންތޯ އަހާލުމުން ބުނީ "އައި ޑޯންޓް ގިވް އަ ޝިޓް" ނޯ ނޯ ނޯ ކިޔާފައި ވަރަށް ރީތިކޮށް ބޯ ހަލުވާލާފައި އިސްދަށަށް ޖެހި އެވެ!

އިންޑަސްޓްރީގައި އުޅުނު ދުވަސްވަރު އެންމެ ކަންބޮޑުވަނީ އާއިލާއާ ދުރުގައި ހުންނަން ޖެހުމުން ކަމަށް ބުނެ ކޮންމެ އަހަރަކު ޗުއްޓީ އަށް އަންނަ ވާހަކަ ކިޔައި ދިނެވެ. މޯ މުޙައްމަދުބެ އަކީ ވަރަށް ޒަމާނީ ބޯން ހޮސްޕިޓަލިޓީ ހިނިތުންވުމާއެކީ ގުޑް މޯނިން، ގުޑް އާފްޓަނޫން، ބާއި ފަދަ ރީތިކޮށް މުޚާތަބުކޮށް، ރީތި އާދަކާދަ ގެންގުޅޭ ވަރަށް ފެޝަނަބްލް ބޭފުޅެކެވެ.

އަޅުގަނޑު އެންމެ ފާހަގަކުރާ ކަމަކީ، އެކަމަކާ ގުޅޭ ގޮތަށް އަޅާފައި ހުންނަ ހެދުމެވެ. ކަސްރަތު މޯނިން ގަޑި އަށް ވަކި ވައްތަރެއް، މެންދުރުފަސް، ރޭގަނޑުގެ ހެދުން ވަރަށް ނަލަކޮށް މީހާއާ ވަގުތާ ގުޅޭ ގޮތަށް އަޅާފައި ހުންނަކަން ފާހަގަކުރެވެއެވެ. ކިހިނެއްތޯ ގަމީސް އެހާ ރީތިކޮށް އިސްތިރިކޮށް ނަލަކޮށް ތަރުތީބުން ހެދުން އަޅަނީ އަހާލުމުން އަންހެނުންނާ ދިމާއަށް އަތް އެއްލާފައި ބުނީ "ޝީ އިޒް ދަ ބެސްޓް" ކަމަށެވެ.

ގޭތެރޭންނާއި އާއިލާއިން ވެސް ފެނިގެން ދިޔައީ އުފާވެރިކަމެވެ. އަންހެނުން ވެސް ހިނިތުންވުމާއެކު 7 ކުދިންގެ އާއިލާއެއް އެކި ދިމާލުގައި ތިބެން ޖެހުނަސް އާއިލީ ލޯބި ވަރުގަދަކަން ދެމަފިރިންގެ ވާހަކައިން ފެނުނެވެ. އުފަލާ އޯގާތެރިކަމާ އެކީގަ އެވެ. މޯ އެންމެ ބޮޑު ޝުކުރެއް އަދާކުރީ އަޅުގަނޑުގެ ބައްޕަ ޙަސަންރަހާއަށެވެ.

މޯ ބުނީ "މިސްޓަ ޙަސަން މައި ވެރީ ގުޑް ފްރެންޑް. ހީ އިޒް ލައިކް ފާދާ، ޓުޑޭ ހީ އޒް އޯލްޑް ގިވް މައި ރިގާޑްސް" ކުޑަކޮށް ފެންކަޅިވި އެވެ. ހަސަނަކީ ތިމަންނަ އަތިރިމަތީ ކިލާވެ ހަޑިކޮށް ކޮންމެ ދުވަހަކު އުޅެމުން ދަނިކޮށް ކަންފަތުގައި ހިފައި ގަމަށް ގެންގޮސް ތިމަންނާ މީހަކަށް ހެދި، މީހަކީ އޭރު ޙަސަނަކީ އޮފިސަސް މެސްގެ ނަމްބަރު 1 އެވެ. އެއީ ހެޑް ވެއިޓަރުކަން ކަމަށް މޯ ބުންޏެވެ.

ނިންމާލަމުން ވެސް ބުނީ "ޙަސަން އިޒް މައި ގުޑް ބްރަދާ" އޭ އެވެ.

ރިސޯޓް ލައިފް އިން އެންމެ އެހީތެރިވި މީހަކީ ފޭދޫ މޫސާރަހާ ކަމަށާ އެއީ އޭރުގެ ވެރިން ކަމުގައި ބުނެ "ތެންކް ޔޫ މޫސާރަހާ" އޭ ބުނެ އޭނަ އަށް ޝުކުރު އަދާކުރި އެވެ.

މުޅިއެކު ރިސޯޓް ދާއިރާގައި 30 އަހަރަށް ވުރެ ގިނަދުވަހު މަސައްކަތް ކުރެވުނީމަ އެއީ ކޮންފަދަ ހިތްވަރެއްތޯ އެވެ؟ އިންޑަސްޓްރީގެ ވެރީން މިލިއަނަރުންނަށްވެ 50 ފުރި އަމިއްލަ ރަށުގައި ޓުއަރިޒަމްގެ ވަޒީފާއެއް ނެތި ކުޑަ ސިއްހީ ކަމެއް ދިމާވިޔަސް މާލެދާން ޖެހުމުގެ ކަންބޮޑުވުން ޙިއްޞާކުރީ އަސަރާ އެކީގަ އެވެ.

ޓުއަރިޒަމަށް 50 އަހަރު ވީއިރު އަދުގެ ސަރުކާރު އަދި މިނިސްޓްރީ މިކަންކަން ހަނދުމަފުޅު ހުރިހެނެއް ހިއެއްނުވެ އެވެ. ދެހާސް ބާވީސް ވަނަ އަހަރު މިވަރު ބައެއްގެ އަތުން އެވަރު ކަމެއް ވެސް ހިނގައިފާނެތާ އެވެ.

އެޑިޓަރުގެ ނޯޓް: މިއީ "ގެއްލުނު ހާޒިރީ" ގެ ނަމުގައި އައިސީ "އައްޑޫ ލައިވް" ގައި ގެނެސްދޭ ދެވަނަ އާޓިކަލެވެ. މި ސުރުހީގެ ދަށުން ގެނެސްދޭ ލިޔުންތައް އަމާޒުކޮށްފައި ހުންނާނީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގެ ހިދުމަތްތެރިންގެ ތެރެއިން އެ މީހުންގެ ހިދުމަތުގެ އަގުވަޒަން ނުކުރެވި ހުރި، އެކަމަކު އެ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރި "ގެއްލިފައިވާ" ހިދުމަތްތެރިންގެ ވާހަކަތަކަށެވެ.