މި އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވަވަޑައިގަތުމަށް ކ. ކާށިދު އަށް ކުރައްވާ ދަތުރުފުޅެއް ރައީސް ޔާ އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު ފަށްޓަވައިފި އެވެ.
އެ ރަށަށް ކުރައްވާ މި ދަތުރުފުޅުގައި، ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް މިރޭ ކ. އަތޮޅު މަދަރުސާގައި ބާއްވާ ޖަލްސާ ރައީސް ޝަރަފްވެރިކޮށް ދެއްވާނެ އެވެ. އަދި، ޖަލްސާ އަށް ފަހު އޮންނަ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޚާއްޞަ ޖާފަތުގައި ވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ކ. އަތޮޅު މަދަރުސާގައި ކުރިއަށްދާ ދަނޑުވެރިކަމުގެ މައުރަޒަށް ޒިޔާރަތްކުރައްވައި އެ މައުރަޒުގެ ސްޓޯލްތައް ވެސް ރައީސް ބައްލަވާލައްވައި، ދަނޑުވެރިންނާ ބައްދަލުކުރައްވާނެ އެވެ.
މި ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނު ކާށިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާ ވެސް ބައްދަލުކުރައްވާނެއެވެ. އަދި ކާށިދޫ ހެލްތު ސެންޓަރަށް ވެސް ޒިޔާރަތްކުރައްވާނެ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ކާށިދު އަށް ވަޑައިގެންނެވުމުގެ ކުރިން، ސަން އައިލެންޑް ރިސޯޓަށް ވަޑައިގެން އެ ރިސޯޓުގައި މިހާރު ކުރިޔަށްދާ "2022 ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއާ: މޯލްޑިވްސް ޗެލެންޖް" ގެ މެޗުތައް ބައްލަވައި ލައްވައި، އެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި މުބާރާތަކީ ޔޫތު މިނިސްޓްރީ އާއި އިންޓަނޭޝަނަލް ވޮލީބޯލް ފެޑެރޭޝަން އަދި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ބާއްވާ މުބާރާތެކެވެ.
ރައީސް ކާށިދު އަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަންނަވާނީ މާދަމާގެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ.