Last Updated: May 6, 06:06
Monday, May 6, 2024

10 ދުވަަހަށް ކަރަންޓް ކަނޑަނީ

އައްޑޫގެ ގުޅިފައިވާ ރަށްރަށް ކަރަންޓްގެ ހިދުމަތް ދެމުން އަންނަ މަރުކަޒީ އިންޖީނު ގޭގެ އިންޖީނެއް މަރާމާތު ކުރުމަށް މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަަތަށް އެކި ވަގުތުތަކުގައި ކަރަންޓް ކަނޑަމުން ގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކަގެ މަރުކަޒީ އިންޖީނު ގެއިން ގޭގަށް ފޮނުވި ނޯޓިހެއްްގައި ބުނަނީ ކަރަންޓް ދޭން މިހާރު ބޭނުން ކުރަމުން އަންނަ އިންޖީނުތަކުގެ ތެރެއިން އިންޖީނެއް ސާވިސް ކުރުމުގެ މަސައްކަތް 12 ވަނަ ދުވަހު ފަށާނެ ކަމަށެވެ.

އަދި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވެނީ 10 ދުވަހުގެ ތެރޭގައި ކަމަށްް މަރުކަޒީ އިންޖީނު ގެއިން ބުންޏެވެ. އެހެންވެ ދެ ދުވަހުން އެއް ދުވަހު އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަމުން ގެންދާނެ ކަމަށް ބުނެފައިވެ އެވެ.

އިންޖީނު ސާވިސް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ވަގުތުތަކުގެ ތެރެއިން އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަމުން ދާނީ ހެނދުނު 10:00-11:00 އަށް 11:00-12:00 އަށް، 12:00-1:00 އަށް، 1:00-2:00 އަށް، 2:00-3:00 އަށް އަދި ހަވީރު 3:00-4:00 އަށެވެ.

އަދި މި މަސައްކަތް ކުރިއަށްދާ ދުވަސްތަކުގައި ވީހާ ވެސް މަދުން ކަރަންޓް ބޭނުން ކުރުމަށާއި ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭ ކަމަށް މަރުކަޒީ އިންޖީނު ގެއިން ބުންޏެވެ.

އައްްޑު އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ނުލިބި ދިގުލަމުން ދާތީ ގިނަ ބަޔަކަށް ވަނީ ބޮޑު ތަކުލީފެއް އުފަލަން ޖެހިފަ އެވެ. އަދި މި މައްްސަލަ އަށް އަވަސް ހައްލެއްް ބޭނުން ވިޔަސް، އެކަން ނުވާތީ ފެނަކަ އަށް ގިނަ ބައެއްގެ ފާޑު ކިއުންތައް އަމާޒުވެފައިވެ އެވެ.