މާލެ ސަރަހައްދުން ދޫކުރުމަށް ނިންމާފައިވާ ފްލެޓާއި ގޯއްޗަށް 35،000 އަށްވުރެއް ގިނަ ފަރާތުން ކުރިމަތި ލައިފިއެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ގެދޮރުވެރިން ޕޯޓަލް"އަށް ފޯމުހުށަހެޅުމަށް ހުޅާވާލި ފުރުސަތުގައި ސުންގަޑި ހަމަވިއިރު 35،861 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން ހިލޭ ދޫކުރާ ބިންތަކަށް 15،164 މީހުން ކުރިމަތި ލާފައިވާއިރު، ފްލެޓަށް އެދި ޖުމުލަ 20،697 މީހުން ކުރިމަތި ލާފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލި 14،489 މީހުންނާއި ދެ ކޮޓަރީގެ ފްލެޓަށް ކުރިމަތިލި 6،208 މީހުންނެވެ.
ކިޔޫގައި ނުޖެހި ބޯހިޔާވަހިކަމަށް އެދޭނެ ނިޒާމެއް ގާއިމް ކޮށްދިނުމަށް ރައީސް @ibusolih ވެވަޑައިގެނަނެވި ވައުދުގެ ދަށުން ފަރުމާކުރެވުނު "ގެދޮރުވެރިން ޕޯޓަލް" އަށް، ތަކުލީފަކާއި ނުލައި ފޯމުހުށަހެޅުމަށް ހުޅާވާލި ފުރުސަތުގައި ސުންގަޑި ހަމަވިއިރު 35,861 އެޕްލިކޭޝަން ހުށަހަޅާފައިވޭ. pic.twitter.com/I6IFXV7E4R
— Akram Kamaludeen (@Akramkdeen) October 15, 2022
ގޯއްޗަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަނަކަށް ލިބޭ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1250 އަކަފޫޓެވެ. އެޕްލިކޭޝަނުގައި ބައިވެރިވާ މީހުންގެ އަދަދަށް ބަލާ ގޯތީގެ ސައިޒު ބޮޑުކޮށް ދިނުމަށް ހަމަޖެހިފައިވާ އިރު، އެންމެ ބޮޑު ސައިޒެއް ކަމަށް ކަނޑައަޅާފައި ވަނީ 4000 އަކަފޫޓެވެ.
"ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެއިން މަދުވެގެން 1،000 ގޯތި ދޭނެއެވެ. އަދި ގުޅީފަޅުން މަދުވެގެން 2،000 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ.