Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ކާށިދޫގައި "ކޮމިއުނިޓީ ފާމިން" އިފުތިހާހުކޮށްފި

ރާއްޖޭގައި ދަނޑުވެރިކަން ފުޅާކޮށް ކުރިއަރުވަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މުޅިން އަލަށް "ކޮމިނިއުނިޓީ ފާމިން" އިފުތިތާހުކޮށްފި އެވެ.

ދަނޑުވެރިކަމުގެ ދުވަހާ ގުޅުވައިގެން މިކަން ކ. ކާށިދޫގައި އިފުތިތާހުކޮށް ދެއްވީ އެގްރިކަލްޗަ މިނިސްޓަރު ޑރ. ހުސައިން ރަޝީދު އަހުމަދެވެ. "ކޮމިއުނިޓީ ފާމިން" އަކީ މިނިސްޓްރީ އާއި އެގްރޯނެޓުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

"ކޮމިއުނިޓީ ފާމިން" ޕްރޮގްރާމަކީ އެގްރޯނެޓަށް މުޅިން އައު ކޮންސެޕްޓެކެވެ. އެތަނުން ބުނީ މި ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ރާއްޖޭގެ ބިން ބޮޑެތި ރަށްތަކުގައި ކަމަށެވެ. އެގޮތުން އެރަށްރަށުން އެއްލައްކަ އަކަފޫޓުގެ ބިން ހޯދުމަށް ފަހު އެތަން ތަރައްގީކުރާނީ އެގްރޯނެޓުގެ ހަރަދުގަ އެވެ.

އެތަން ތަރައްގީކުރުމަށް ފަހު އެތަންތަގައި ގާއިމުކުރަނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ކުރެވޭނެ ގޮތްތަކެވެ. އޭގެތެރޭގައި ވާޓިކަލް ފާމިން އާއި އިރިގޭޝަން ސިސްޓަމް ފަދަ ވަސީލަތްތައް ހިމެނެ އެވެ.

"ކޮމިނިއުޓީ ފާމިން" ޕްރޮގްރާމު މިއަދު އިފުތިތާހުކުރި އިރު އެކަމަށް ފަސް ރަށެއް ހޮވާފައިވެ އެވެ. އެއީ ލ. އިސްދު އާއި ނ. މަނަދު އާއި އެ އަތޮޅު މާފަރާއި އއ. ތޮއްޑޫގެ އިތުރުން މ. ކޮޅުފުއްޓެވެ.

އެގްރޯ ނެޓުން ބުނެފައިވާ ގޮތުގައި މި ކޮންސެޕްޓްގެ ތެރެއިން މަސައްކަތްކުރާ ކޮންމެ ދަނޑުވެރިއަކު ވެސް އަމިއްލަ ދަނޑުގައި މަސައްކަތް ކުރި ނަމަވެސް އާ ކޮންސެޕްޓްގެ ދަނޑުތަކުގައި ވެސް މަސައްކަތް ކުރެވޭނެ އެވެ." ކޮމިއުނިޓީ ފާމިން" ގެ ތެރެއިން ދަނޑުވެރިންނަށް މަހެއްގެ މައްޗަށް 10،000-15،000ރ. އާ ދެމެދުގެ އާމްދަނީއެއް ލިބޭނެ އިންތިޒާމްތަކެއް ހަމަޖައްސާނެ ކަމަށް ވެސް އެގްރޯނެޓުން ބުނެފައިވެ އެވެ.