Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

ޑީކޯ ޗެމްބަރު އައްޑޫން ގެންދިޔައީ މަޝްވަރާނުކޮށް

ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގައި ހުރި ޑީކޮމްޕްރެޝަން ޗެމްބަރު އައްޑޫ އިކްއެއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ބެހެއްޓުމާ ގުޅޭގޮތުން ވާހަކަ ދެކެވުނު ކަމަށާއި ނަމަވެސް އެ ޗެމްބަރު އައްޑޫން ގެންދިޔައީ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށް އޭއީއެޗުން ބުނެފި އެވެ.

ޝަންގްރިއްލާގައި ހުރި އެ ޗެމްބަރު ތިނަދު އަށް ގެންގޮސްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. މިކަމާ ގުޅިގެން ހިތަދޫގެ ބަޔަކު ރޭ ކަންބޮޑުވުން ފާޅުކޮށް، އެ ވާހަކަ ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ވެސް އާންމުކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން އޭއީއެޗުން މިރޭ ބުނީ ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގައި ޑީކޮންޕްރެޝަން ޗެމްބަރެއް ހުރިކަމުގެ މައުލޫމާތު ލިބިގެން އެމެޝިން އޭއީއެޗަށް ހޯދުމަށް ޝަންގްރިއްލާ ރިސޯޓުގެ ޖެނެރަލް މެނޭޖަރާއި އޭއީއެޗް އިން މަޝްވަރާ ކުރެވި އޭއީއެޗްގައި މެޝިން ބެހެއްޓުމަށް ވާހަަކަ ދެކެވިފައިވާ ކަމަށެވެ.

ނަމަވެސް މި މެޝިނަކީ ޝަންގްރިއްލާ ރިސޯޓުގައި ޑައިވިން ސްކޫލް ހިންގަމުންދިޔަ ސިލްވަރ ސޭންޑް ކުންފުނީގެ އެއްޗެެއްކަން ފަހުން އެނގިފައިވާ ކަމަށާއި އަދި ސިލްވަރ ސޭންޑް ކުންފުނިން މިމެޝިން ސަރުކާރާ ހަވާލު ކޮށްފައިވާ ކަމަށްވެސް އޭއީއެޗުން ބުނެ އެވެ.

އޭއީއެޗުން ބުނީ ކުއްލި ގޮތަކަށް މި މެޝިން އެހެން ތަނަކަށް ބަދަލު ކުރެވެނީ އޭއީއެޗްއާ އެއްވެސް ގޮތަކަށް މަޝްވަރާ ކުރެވިގެން ނޫން ކަމަށެވެ. އަދި މި މެޝިން ސަރުކާރުން އޭއީއެޗްއާ ހަވާލުކޮށްފިނަމަ ވީ އެންމެ އަވަހަކަށް މެޝިން އިންސްޓޯލްކޮށް ބޭނުންކުރެވޭނެ ހާލަތަށް ގެނެވޭނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި އައްޑޫގައި ހުރި ޑީކޯ ޗެމްބަރު ތިނަދު އަށް ގެންދިޔައީ މާ ކުރީގެ މޮޑެލެއްގެ އެއްޗަކަށްވާތީ އެ ބޭނުން ނުކޮށް ހުންނާތީ އެވެ. ޑީކޯ ޗެމްބަރަކީ ފީނަން އުޅުމުގެ ތެރޭގައި ދިމާވާ ބައެއް ހާލަތްތަކާ ގުޅިގެން އަވަސް ފަރުވާދޭން ބޭނުންކުރާ އެއްޗެކެވެ. އެގޮތުން މިއީ މަސްވެރިންނަށް ވަރަށް މުހިއްމު އެއްޗަކަށްވެ އެވެ.

ކޮވިޑާ ވިދިގެން ބަންދުކޮށްފައި އިތް އައްޑޫގެ ޝަަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާގައި ކުރިން ޑީކޯ ޗެމްބަރެއްގެ ހިދުމަތް ދެމުން އައިސްފައިވެ އެވެ. ތިނަދު އަށް ގެންދިޔަ ޗެމްބަރަކީ މީގެ ދެ އަހަރު ކުރިން އެ ރިސޯޓުން ހަދިޔާކޮށްފައިވާ އެއްޗެކެވެ.