ސްޕެނިޝް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ބާސެލޯނާގެ މައްޗަށް 3-1 އިން ރެއާލް މެޑްރިޑުން ކުރި ހޯދައިފި އެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި ރެއާލް މިހާރު އޮތީ ކުޅުނު 9 މެޗުން ލިބުނު 25 ޕޮއިންޓާއެކު އެވެ. ދެވަނައިގައި 9 މެޗުން ލިބުނު 22 ޕޮއިންޓާ އެކު ބާސާ އޮތްއިރު ތިންވަނައިގައި 9 މެޗުން ލިބުނު 19 ޕޮއިންޓާ އެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ.
ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 12 ވަނަ މިނެޓްގައި ކަރީމް ބެންޒެމާ ވަނީ އެޓީމަށް ލީޑު ނަގާދީފަ އެވެ. މި ގޯލް ބެންޒެމާ ކާމިޔާބުކުރީ ރެއާލްގެ ވިނީޝަސް ޖޫނިއާ ފޮނުވާލި ހަމަލާއެއް ބާސާގެ ކީޕަރު ދިފާއުކުރުމުން ލިބުނު ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.
ނަތީޖާ އެއްވަރުކުރަން މެޗުގެ 24 ވަނަ މިނެޓްގައި ބާސާގެ ފޯވާޑް ރޮބަޓް ލެވެންޑޯސްކީ އަށް ހުސް ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ. އެގޮތުން ރެއާލްގެ ގޯލު ކުރިމަތީ ހުހަށް ހުރެ ލެވެންޑޯސްކީ ފޮނުވާލި އެ ހަމަލާ ދިޔައީ ދަނޑި މަތިން ބޭރަށެވެ. އެ ފުރުސަތުގެ ބޭނުން ބާސާ އަށް ނުހިފުނުއިރު މެޗުގެ 35 ވަނަ މިނެޓްގައި ފެޑެރީކޯ ވަލްވާޑޭ ވަނީ ރެއާލްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ. މިއީ ބާސާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ވަލްވާޑޭ ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފްގައި ރެއާލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައިރު މެޗުގެ 83 ވަނަ މިނެޓްގައި ފެރަން ޓޮރޭސް ވަނީ ބާސާ އަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ. ނަމަވެސް މެޗުގެ ފަހު ވަގުތުކޮޅުތެރޭ ރެއާލަށް ލިބުނު ޕެނަލްޓީއެއް ރޮޑްރިގޯ ވަނީ ކާމިޔާބުކޮށް އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފަ އެވެ. މި ޕެނަލްޓީ ރެއާލަށް ލިބުނު ބާސާގެ ޑިފެންޑަރު އެރިކް ގާސިއާ ރޮޑްރިގޯ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.