Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ލިވަޕޫލުން ސިޓީ ބަލިކޮށްފި، އާސެނަލް ކުރިއަށް

ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން 1-0 އިން މެންޗެސްޓާ ބަލިކުރިއިރު، ލީޑްސް ޔުނައިޓެޑް 1-0 އިން ބަލިކޮށް ލީގުގެ އެއްވަނައިގައި އާސެނަލުން ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

ލީގުގެ އެއްވަނައިގައި އާސެނަލް އޮތީ 10 މެޗުން ލިބުނު 27 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 10 މެޗުން ލިބުނު 23 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު ލިވަޕޫލް އޮތީ 9 މެޗުން ލިބުނު 13 ޕޮއިންޓާ އެކު ލީގުގެ އަށްވަނައިގަ އެވެ.

ލިވަޕޫލް އަތުން ސިޓީ ބަލިވުމުން ލީގުގައި އެޓީމުން ބަލިނުވެ ދަމަހައްޓަމުން އައި ސިލްސިލާ އަށް މިހާރު ވަނީ ނިމުން އައިސްފަ އެވެ.

ލިވަޕޫލްގެ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މި ހާފުގައި ސިޓީން ވަނީ ލިވަޕޫލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ. އެ ހަމަލާތަކުގެ ހުރަހަކަށްވީ ލިވަޕޫލްގެ ކީޕަރު އެލިސަން އެވެ.

ދެވަނަ ހާފްގައި ދެ ޓީމުން ވެސް ލީޑު ނަގަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދިޔައިރު 55 ވަނަ މިނެޓްގައި ސިޓީގެ ފިލް ފޮޑެން ވަނީ ގޯލެއް ކާމިޔާބުކޮށްފަ އެވެ. ނަމަވެސް އެ ގޯލު ކާމިޔާބު ކުރުމުގެ ކުރިން ސިޓީގެ އާލިން ހާލަންޑް ލިވަޕޫލްގެ މިޑްފީލްޑަރު ފަބީނިއޯ އަށް ފައުލްކޮށްފައިވާތީ ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެ ގޯލު ކެންސަލްކޮށްފަ އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ލިވަޕޫލަށް މެޗުގެ 76 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހެވެ. މި ގޯލް ސަލާހު ކާމިޔާބުކުރީ ލިވަޕޫލްގެ ފަހަތުން ކީޕަރު އެލިސަން ދިން ބޯޅައެއްގައި ކައިރީގައި ހުރި ސިޓީގެ ޑިފެންޑަރު ކަންސެލޯ ކައިރިން ނައްޓާލުމަށްފަހު މުޅިން ހުހަށް ގޮސް ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.

ރެފްރީގެ ނިންމުންތަކާ މެދު މި މެޗުގައި ދެ ޓީމުގެ ކޯޗުންގެ ފަރާތުން ވެސް ހިތްހަމަނުޖެހުންތަކެއް ފެނިގެންދިޔައިރު މެޗުގެ 85 ވަނަ މިނެޓްގައި ރެފްރީގެ ނިންމުމަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕަށް ވަނީ ރަތްކާޑު ވެސް ދައްކާފަ އެވެ.

އާސެނަލުން މިރޭ ރަށުން ބޭރުގައި ލީޑްސްގެ މައްޗަށް ކުރި ހޯދިއިރު މި މެޗުގެ ހަމައެކަނި ގޯލް މެޗުގެ 35 ވަނަ މިނެޓްގައި އާސެނަލަށް ކާމިޔާބުކޮށްދިނީ ބުކާޔޯ ސަކާ އެވެ. ނަތީޖާ އެއްވަރުކުރަން ލީޑްސް އަށް މެޗުގެ 64 ވަނަ މިނެޓްގައި ޕެނަލްޓީއެއް ލިބުނު ނަމަވެސް އެޓީމުގެ ފޯވާޑް ބެމްފޯޑް ފޮނުވާލި ޕެނަލްޓީ ދިޔައީ ބޭރަށެވެ.

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޗެލްސީން ވަނީ އެސްޓަންވިލާގެ މައްޗަށް 2-0 އިން ކުރި ހޯދާފަ އެވެ. މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު ސައުތްހެމްޓަން އާއި ވެސްޓްހަމް ޔުނައިޓެޑް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.