Last Updated: May 15, 14:01
Wednesday, May 15, 2024
ރިޕޯޓް

ގެއްލުނު ހާޒިރީ: ކުޑަފަރީ ނަސީމްބެ އާއި ވެށި

ކުޑަފަރީ ނަސީމްބެއާ އެކީ ލިޔުންތެރިޔާ.

ކުޑަފަރީ ކަލޭފާނުގެ ނަސީމްބެ އަކީ އަހަރެމެންގެ މަދުރަސީ ދައުރުން ފެށިގެން ވަރަށް ގާތްކަން އޮންނަ ދަތުރުފަތުރާ ކަނޑުފަޅާ ރަށްފުށުގެ ތަޖުރިބާ ގިނަ މޮޅު ޤުދުރަތީ ލޯބިވެރިއެކެވެ. ނަސީމްބެ ޓުއަރިޒަމް ފެށީ 70 ގެ ކުރީކޮޅު ހިންމަފުއްޓަށް ގެސްޓުން އައިސްގެން އެ މީހުން ގޮވައިގެން ކަނޑުފަޅާ އެހެނިހެން ޖެހުނު ކޮންމެ ކަމެއްގެ ޚިދުމަތުގަ އެވެ.

ޓޯނީ އަކީ އެންމެ ފުރަތަމަ ޒަމާނީ ބޯޑެއްގައި ރާޅާ އަޅަން ފެށި އެކަކެވެ. އޭނަގެ ޓުއަރިޒަމަކީ ވެސް ވަރަށް ގިނަ ދުވަހު ރާޅު ދަތުރުތަކުގައި މަސައްކަތްތަކެއް ކޮށް އަދި އެއްބަނޑު އެއްބަފާ ބޭބޭ ޙަމީދު 81 ރީތިރަށް ނަގައިގެން ރިސޯޓް މަރާމާތުކޮށްގެން ޓުއަރިޒަމް ގެންނަން ކުރާން ޖެހުނު ކޮންމެ ކަމެއް ރެޔާދުވާލު އުފަލާ އެކީ ކުރަމުން ދިޔަ އެންމެ އިސް މޭސްތިރިޔަކީ ނަސީމްބެ އެވެ.

އަހަރުތަކެއް ވަންދން ރިސޯޓްތަކުގައި އުޅެފައި ވާދޫ މާހިރު ނަގައިގެން ވާދޫގެ ޓުއަރިސްޓުންނަށް ވަރަށް ގާތުން އެހީތެރިކަން ފޯރުކޮށްދީ އުޅުނު އަދި ކަނޑުމަތީ އެކިކަހަލަ އޮޑިފަހަރުގައި އެކި ފަންތީގެ ބޭރުމީހުންނާ ދިވެހިން، ފޮޓޯގްރާފަރުންނާއި، ލަވަކިޔާ މީހުންނާއި، ޑައިވަރުންނާއި، ޕްރޮފެސަރުންނާ މިހެން ތަފާތު ދަތުރުތަކެވެ. އަދި އަމިއްލަ ކުޑަ ދޯންޏެއް ހައެއްކަ އެނދު ހަދައިގެން "ލަވް ބޯޓް" ކިޔައިގެން ވެސް ވަރަށް ގިނަ ދުވަހު ދަތުރުކޮށް އުޅުނެވެ.

ރައީސް މުހައްމަދު ނަޝީދު 2011 ގައި ކުޑަފަރީއަށް ކުރެއްވި ދަތުރުގައި ނަސީމްބެއާ ސަލާންކުރައްވަނީ.

އަޅުގަނޑަށް ވެސް ދެ ދަތުރެއް އޭގައި ކުރުމުގެ ފުރުޞަތު ލިބުނެވެ. "ލަވް ބޯޓު" ގެ ޚިދުމަތަށް ބަލާއިިރު، ތާޒާ މަހާއި ބީޗްތަކުގެ ކެއުންތަކާއި ރެކޯޑަރުން އަންނަ 80 ގެ މިއުޒިކްތައް އެއީ އަސްލު ފަތުރުވެރިޔާގެ އުފަލެވެ. މުޅިން އެހެން ކަމެކެވެ. އަދި ނަސީމްބެގެ ޔުނިފޯމަކީ ކަނޑުމައްޗަށް އެރީއްސުރެ ކުޑަ ސޯޓުކޮޅެކެވެ.

ތިމާވެއްޓާ ގާތް ނަސީމްބެގެ ގޭ އިންފާރު ތެރެއަށް ވާގޮތަށް އިންނަ ބޮޑު ނިކަގަސް ފާހަގަކޮށްލެވެ އެވެ. ނަސީމްބެގެ ބައްޕަ ބުނުއްވި ކަމަށް ނަސީމްބެ ބުނީ "ގަސް ކަނޑައި އެއްލާ ނުލާތި އިނގޭ!" އެވެ. ގަހާ ކައިރިޔަށް ދާން ޖެހޭނެ ވަގުތު ގިނަ ކަމަށެވެ.

ނަސީމްބޭގެ ގޭގެ ގޯތި ކައިރީގައި އިންނަ ބޮޑު ނިކަގަސް.

ވަރަށް ތެދު، ހިޔާ ހޯދާ ނިވަލަކަށް، ވައިރޯޅި މިއީ އިންސާނާގެ އެންމެ ގާތް އެއް އެކުވެރިޔާ ކަމަށް ނަސީމްބެ ދެކެ އެވެ. މިއަދު ނަސީމްބެ ފެންނަނީ ކުޑަކޮށް ބަލިކޮށެވެ. އެކަމަކު ވެސް އުނދަގުލުން ހިނގާލާ އުޅޭކަން، އެންމެ ފަހުން ދިމާވި ދުވަހު ވެސް ދިމާވީ ރޯފިލުވާލާނެ އެއްޗެއް ހޯދަން އަންހެނުންނާ އެކީ ކުޑަ ދޯނީގައި މަހުން ލެފި ތަނުންނެވެ.

މިހާރު ވެސް ގާތްގަނޑަކަށް ކޮންމެ ދުވަހަކު ކަނޑުމައްޗަށް އަރާ ޤުދުރަތީ އުފާ ހޯދަން އެނގޭ ތަންދޮރު ދަންނަ ރައްޓެއްސެކެވެ. އަމިއްލަ ގޭގައި ބީރައްޓެހިންނަށް ތިބެވޭނެ ގޮތަށް ގެސްޓްހައުސް ސްޓައިލްގެ ކޮޓަރި ހަދައިގެން އުފަލުގައި ކާމިޔާބު، އުފާވެރި އާއިލާއާ އެކީ ދިރިއުޅޭ ޚިޔާލު ތަނަވަސް ރައްޓެއްސެކެވެ.

ޑައިވަރަކާއި ރާޅުކުއްޖަކާއި ފޮޓޯގްރާފަރަކާއި ޕައިލެޓަކާއި ކަލިނަރީ މަސައްކަތާއި އަދި ހުނަރާއި ތިމާވެށި ދެކެ ލޯބިވާ އާއިލާއެއްގެ ރަޙުމަތްތެރި މަންމައާ އެކީ އުޅޭ ބައްޕައެކެވެ. އަޅުގަނޑު ގަބޫލު ކުރަނީ ނަސީމްބެ އަކީ އޮޔާއި ވަޔާއި ކަނޑާއި ފަޅާއި މަހާއި ގަހާ ދަންނަ ތަޖުރިބާ ހުރި ޕްރޮފެސަރެއް ކަމަށެވެ. ޤުދުރަތީ ޚިދުމަތްތެރިއެކެވެ. ޓުއަރިޒަމަށް 50 އަހަރު ވީއިރު އަދުގެ ސަރުކާރު އަދި މިނިސްޓްރީ މިކަންކަން ހަނދުމަފުޅު ހުރި ހެނެއް ހިއެއްނުވެއެވެ. ދެހާސް ބާވީސް ވަނަ އަހަރު މިވަރު ބައެއްގެ އަތުން އެވަރު ކަމެއް ވެސް ހިނގައިފާނެތާ އެވެ.

އެޑިޓަރުގެ ނޯޓް: މިއީ "ގެއްލުނު ހާޒިރީ" ގެ ނަމުގައި އައިސީ "އައްޑޫ ލައިވް" ގައި ގެނެސްދޭ ދެވަނަ އާޓިކަލެވެ. މި ސުރުހީގެ ދަށުން ގެނެސްދޭ ލިޔުންތައް އަމާޒުކޮށްފައި ހުންނާނީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގެ ހިދުމަތްތެރިންގެ ތެރެއިން އެ މީހުންގެ ހިދުމަތުގެ އަގުވަޒަން ނުކުރެވި ހުރި، އެކަމަކު އެ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރި "ގެއްލިފައިވާ" ހިދުމަތްތެރިންގެ ވާހަކަތަކަށެވެ.