Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

އައްޑޫގެ ޑިޓެންޝަން ސެންޓަރުތަކުގެ ހާލަތު ބަލައިފި

އައްޑޫގައި ގާއިމްކޮށްފައިވާ ފުލުހުންގެ ޑިޓެންޝަން ސެންޓަރުތަކުގެ ހާލަތު ބަލައި، ރަނގަޅު ކުރަން ހުރި ކަންކަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ބަލައިިފި އެވެ.

މިދިޔަ ހަފުތާހައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީން އައްޑު އަށް ކުރެއްވި ދަތުރުގައި ހިތަދޫ ޕޮލިސް ސްޓޭޝަނާއި އައްޑޫ ޕޮލިސް ކޮލެޖްގެ އިތުރުން އައްޑޫ ސިޓީ ކައުންސިލާ ވެސް ބައްދަލުކޮށް، ފުލުހުންގެ ހިދުމަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފުކޮށްފައިވެ އެވެ.

އައްޑު އަށް ކުރެއްވި ދަތުރާ ގުޅޭ ގޮތުން 241 ކޮމެޓީގެ މުގައްރިރު އަދި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އައްޑޫގެ ޑިޓެންޝަން ސެންޓަރުތަކަށް ޒިޔާރަތްކޮށް އެ ތަންތަނުގައި ހުރި މައްސަލަތައް ދެނެގަނެވިފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވީ ސެންޓަރުތަކުގަ އާއި އައްޑޫ ގައި ހަރަކާތްތެރިވާ ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް މަދުވުން ކަމަށް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ޑިޓެންޝަން ސެންޓަރުތަކުގައި ތިބި މީހުންގެ އަދަދު ގިނަވުމާއި، ބައެއް ސެންޓަރުތަކުގައި ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން ވެސް ބަންދުގައި ތިބިކަން ފާހަގަވެފައިވެ އެވެ. މި ދަތުރުގައި ފާހަގަކުރެވުނު ކަންކަމާ ގުޅޭ ރިޕޯޓެއް ތައްޔާރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން އައްޑު އަށް ޒިޔާރަތްކޮށް ފުލުހުންނާ ގުޅޭ މައުލޫމާތުތައް ސާފުކުރި އިރު، މި ފަހުން އައްޑޫގައި ކުށުގެ ތަފާތު މައްސަލަތައް ވެސް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.