Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

ޑިމާންޑަކީ ފްލެޓް ސަރަހައްދަށް ޕާކިން އޭރިއާއެއް

ހިތަދޫ ފްލެޓްތަކެއްގެ ކައިރީގައި ކާރުތަކެއް ޕާކްކޮށްފައި.

ގިނަ ބަޔަކު މިހާރު ދިރިއުޅެމުން އަންނަ ހިތަދޫ ފްލެޓް ސަރަހައްދުގައި ވެހިކަލްތައް ޕާކް ކުރެވޭނެ ރަނގަޅު އިންތިޒާމެއް ނެތުމުގެ ޝަކުވާތައް ބޮޑުވެއްޖެ އެވެ.

ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ކާރާއި ސައިކަލް ފަދަ އެއްޗެހި ގެންގުޅޭ މީހުން މިހާރު އެ މީހުންގެ ވެހިކަލްތައް ބަހައްޓަނީ ފްލެޓްތައް ހުރި ސަރަހައްދުގެ އެކި ދިމާތަކުގަ އެވެ. ފްލެޓްތަކުގައި އުޅޭ މީހުންގެ ތެރެއިން ގިނަ މީހުންގެ ޝަކުވާ އަކީ ވެހިކަލްތައް ޕާކްކުރާނެ ހިޔާކޮށްފައިވާ ހާއްސަ ތަނެއް އެ ސަރަހައްދުގައި ނެތުމެވެ.

އެހެންވެ ވެހިކަލްތައް ބަހައްޓަން ޖެހެނީ ދޭހާ އައްވެއްގަ އާއި ވެހޭ ވާރޭގެ ތެރޭގަ އެވެ.

"މިއީ ހަގީގަތުގައި ވަރަށް ބޮޑު ގެއްލުމެއް. ޕާކިން އޭރިއެއް ނެތީމަ މި ގޮތަށް ވެހިކަލްތައް ގެންގުޅެން ޖެހުނީމަ ލިބޭ ގެއްލުންތައް ބޮޑު. ފްލެޓްތަކުގައި އުޅޭ މީހުންގެ ވެހިކަލްތައް ޕާކްކުރެވޭނެ ރަނގަޅު އިންތިޒާމުތަކެއް މި ސަރަހައްދަށް ވަރަށް މުހިއްމު،" ކާރެއް ގެންގުޅޭ ފްލެޓްވެރިޔަކު ބުންޏެވެ. "އެހެންވެ މި ޝަކުވާ މިހާރު އަހަރެމެން ވަރަށް ގިނަ ފަހަރު މަތިން ކައުންސިލާ ވެސް އެކި ފަހަރު މަތިން ހިއްސާކޮށްފިން. ހައްލެއް ނުލިބި ލަސްވަމުންދާ އިރު މިއީ އަހަރެމެން އަވަސް ހައްލެއް ބޭނުންވާ ކަމެއް."

ފްލެޓްގައި ދިރިއުޅޭ އެހެން މީހަކު ބުނި ގޮތުގައި އެތަނުގައި އުޅޭ ވަރަށް ގިނަ މީހުންނަކީ ކާރާއި ސައިކަލް ގެންގުޅޭ މީހުންނެވެ. އެހެންވެ ރަނގަޅު ޕާކިން އޭރިއާއެއްގެ މުހިއްމުކަން ވަރަށް ބޮޑެވެ.

"އަޅުގަނޑުމެން ގޮވާލަން މިކަމަށް ކައުންސިލުން އަވަސް ހައްލެއް ހޯދައި ދިނުމަށް." އޭނާ ބުންޏެވެ.

މިކަމާ ބެހޭ ފްލެޓް ހުރި މާމެންދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު އަދާލާ "އައްޑޫ ލައިވް" އަށް މިއަދު ވިދާޅުވީ ޕާކިން އޭރިއާއެއް ފްލެޓް ސަރަހައްދުގައި ނެތީ އެ މަޝްރޫއު ޕްލޭންވެގެން އައި އިރު ވެސް ޕާކިން އޭރިއާއެއް ހިމެނިފައި ނެތުމުން ކަމަށެވެ. އެކަމަކު އެކަމަކީ މުހިއްމު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިި އެވެ.

"ޕާކިން އޭރިއާ ހިމެނޭ ގޮތަކަށް ނޫން ފްލެޓް މަޝްރޫއު ހިންގާފައި އޮތީ. އެކަމަކު ކައުންސިލްގެ ތިން ވަނަ ދައުރުން ފެށިގެން ވެސް ފްލެޓްތަކުގެ ކުރިމަތީގައި ހެދި ވެޖް ޕެކްތައް ހުރި ތަންތަނުގައި ޕާކްކުރެވޭނެ ޝެޑްތަކެއް ހެދުމުގެ މަޝްވަރާތަކެއް އޮތީ ކުރެވިފައި،" އޭނާ ވިދާޅުވި އެވެ. "އެކަމަކު އެކަން ކުރަން ބަލާ އިރު އެއީ ފުދޭ ވަރަކަށް ޖާގަ ވެސް ބޭނުންވާ ކަމަކަށްވެފައި އެކަން ކުރެވޭނެ ރަނގަޅު ގޮތެއް އަދި އޮތީ ނުހޯދި."

ކައުންސިލަރު އަދާލާ.

އަދާލާ ވިދާޅުވި ގޮތުގައި ޕާކިން އޭރިއާ އަކީ ވެސް މުހިއްމު ކަމަކަށް ވިޔަސް، މިހާރުގެ ކައުންސިލުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ފްލެޓްތަކަށް ދިމާވެފައި ހުރި އަސާސީ އެހެން މައްސަލަތައް ހައްލުކުރުމަށެވެ.

"އޭގެ ތެރޭގައި ލީކިން މައްސަލަތަކާއި ރެއިލިންގެ މައްސަލަތައް ހިމެނޭ." އޭނާ ވިދާޅުވި އެވެ.

ނަމަވެސް ކުރިއަށް އޮތް ތަނުގައި ފްލެޓް ސަރަހައްދުގައި ޕާކްކުރެވޭނެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެހިގެން ދާނެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ވިދާޅުވި އެވެ.

"ހިތަދޫގެ މަގުތައް ހެދުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ އިރު، ޕާކިން އޭރިއާތައް ހެދުމަކީ ކައުންސިލުން ހަމަ ވަރަށް ބޮޑު އިސްކަމެކަމެއް ވެސް ދޭ ކަމެއް،" އަދާލާ ވިދާޅުވި އެވެ. "އެހެންވެ ފްލެޓް ސަރަހައްދުގައި ވެސް ކުރިއަށް އޮތް ތަނުގައި ރަނގަޅު ޕާކިން އޭރިއާއެއް އޮންނާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ."

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިތަދޫގައި 264 ފްލެޓް އަޅާފައިވެ އެވެ.