Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

ދެ ޝެއިހުންނަށް ވަކީލުން ހަމަޖައްސަން 10 ދުވަސް

މި އަހަރުގެ ޔޯގާ ޑޭ ދުވަހު މާލޭގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ދައުވާ އުފުލާފައުވާ ޝައިޚް އާދަމް ނިޝާނާއި ފަޒްލޫން މުހައްމަދަށް ވަކީލަކު އައްޔަން ކުރަން ކްރިމިނަލް ކޯޓުން 10 ދުވަސް ދީފި އެވެ.

އެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ވަކީލުން ހަމަޖައްސަން 10 ދުވަސް ދިނީ އެ ބޭފުޅުންގެ އެދިވަޑައިގަތުމާ އެކީގަ އެވެ. ފަޒްނޫލާނާއި ނިޝާންގެ މައްޗަށް ދައުވާކުރީ ޖޫން މަހުގެ 21 ގައި ޔޯޑާ ޑޭ ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި އިވެންޓްތަކުގެ ތެރޭގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

ދެ ބޭފުޅުންނަށް ވެސް ދައުވާކުރީ ހަމަނުޖެހުން ހިންގަން ހިތްވަރުދިން ކަމަށް ތުހުމަތުކޮށެވެ.

އެ ދުވަހުގެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރި އެންމެން ވެސް ދޫކޮށްލާފައިވާ އިރު، ޖުމްލަ 18 މީހެއްގެ މައްޗަށް ދައުލަތުން ވަނީ އެކިއެކި ދައުވާކޮށްފައިވެ އެވެ.