މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އަންނަ މަހު ދޭން ނިންމާފައިވާ މި އަހަރުގެ ނޫސްވެރިކަމުގެ އެވޯޑް، ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީން ސްޕޮންސާކޮށްފި އެވެ.
އެމްބަސީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެމްއެމްސީގެ ފަރާތުން ސްޕޮންސަޝިޕް އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް މުހައްމަދު ޝަފާއު އެވެ. ސައުދީގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަތްރެކް ބިން ޢަބްދުﷲ އަލްޢަޖާލީން އަލްދައުސަރީ އެވެ.
އެމްއެމްސީން ބުނީ ނޫސްވެރިންގެ އެވޯޑް ސައުދީ އެމްބަސީން ސްޕޮންސަކުރި އެތަނުން އަމިއްލަ އަށް އެދިގެން ކަމަށެވެ. މިއީ މި އެވޯޑް ބޭރުގެ އެމްބަސީއަކުން ސްޕޮންސަކުރި ފުރަތަމަ ފަހަރެވެ.
އެވޯޑް ހަފުލާ އަންނަ މަހު ބާއްވަން ތައްޔާރުވަމުން އަންނަ އިރު، އެވޯޑް ދޭން ނިންމާފައިވާ 12 ކެޓަގަރީ އަށް 82 ހުށަހެޅުން ލިބިފައިވާ ކަމަށް އެމްއެމްސީން ބުންޏެވެ. ކަމަށެވެ. އެވޯޑް ހަފުލާ އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގަ އެވެ.