Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ގްރީންވުޑް ޖަލުގައި ބަހައްޓަން އަމުރުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ފޯވާޑް މޭސަން ގްރީންވުޑްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ދެން އޮންނަ އަޑުއެހުމަކާ ހަމައަށް އޭނާ ޖަލުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި އެވެ.

ގްރީންވުޑް ،21، ގެ މައްޗަށް ވަނީ އަންހެނަކު ރޭޕްކުރަން އުޅުމުގެ ދައުވާ އާއި އަނިޔާވެރިވުމުގެ ދައުވާ އުފުލާފަ އެވެ. އެ ދައުވާތައް ގްރީންވުޑްގެ މައްޗަށް އުފުލާފައިވަނީ އޭނަގެ ލޯބިވެރިޔާ ހެރިއަޓް ރޮބްސަން ކުރި ތުހުމަތުތަކާ ގުޅިގެންނެވެ.

އެ މައްސަލައާ ގުޅިގެން ގްރީންވުޑް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ހައްޔަރުކުރިއިރު އޭނާ ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ. ނަމަވެސް ކަފާލާތުގެ އުސޫލުތަކާ ހިލާފުވުމުން މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ވަނީ ގްރީންވުޑް ހައްޔަރުކޮށްފަ އެވެ.

ގްރީންވުޑް މިއަދު ކޯޓަށް ހާޒިރުކުރުމުން މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ އޭނާ ކަފާލާތުގެ އުސޫލުތަކާ ހިލާފުވެފައިވާކަން ސާބިތުވެފައިވާތީ ދެން އޮންނަ އަޑުއެހުމަކާ ހަމައަށް ޖަލުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. މި ދައުވާތަކުގެ އަޑުއެހުން ދެން އޮންނާނީ އަންނަ މަހުގެ 21 ވަނަ ދުވަހު އެވެ. އެ މައްސަލަ ކުރިއަށް ދާނީ މެންޗެސްޓާ ކްރައުން ކޯޓުގަ އެވެ.

ގްރީންވުޑްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ޔުނައިޓެޑުން ވަނީ މުއްދަތެއް ނެތް ގޮތަށް އޭނާ ސަސްޕެންޑްކޮށްފަ އެވެ. އަދި ގްރީންވުޑާ އެކީ ސްޕޮސަޝިޕް އެއްބަސްވުންތައް ހަދާފައިވާ ބައެއް ކުންފުނިތަކުން ވެސް އެއްބަސްވުންތައް އުވާލާފައިވެ އެވެ. އޭގެ ތެރޭގައި ނައިކީ ވެސް ހިމެނެ އެވެ.