ފްރާންސް ފުޓްބޯޅަ މަޖައްލާއިން ދޭ ބެލޮންޑިއޯ އެވޯޑް ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ އަށް ލިބިއްޖެ އެވެ.
ބެންޒެމާ އަށް މި އެވޯޑު ލިބިފައިވަނީ މިރޭ ފްރާންސްގެ ވެރިރަށް ޕެރިހުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގަ އެވެ. މި އެވޯޑު ބެންޒެމާ އަށް ލިބުނުއިރު ދެވަނަ ލިބުނީ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ސަޑިއޯ މާނޭ އަށެވެ. އަދި ތިންވަނަ ހޯދީ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އެވެ.
މިއީ މި އެވޯޑް ބެންޒެމާ ހާސިލުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު މިއީ 1998 ވަނަ އަހަރަށްފަހު ފްރާންސްގެ ކުޅުންތެރިއަކު މި އެވޯޑް ހާސިލުކުރި ފުރަތަމަ ފަހަރުވެސް މެ އެވެ. ބެންޒެމާ ވަނީ މިިދިޔަ ސީޒަނުގެ ޔޫރަޕްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް މީގެކުރިން ހާސިލުކޮށްފަ އެވެ.
ބެންޒެމާ ބެލޮންޑިއޯ އެވޯޑް ހާސިލުކުރިއިރު އޭނާ ވަނީ މިދިޔަ ސީޒަނުގައި ރެއާލަށް ސްޕެނިޝް ލީގު އަދި ޗެމްޕިއަންސް ލީގު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ބެންޒެމާ ވަނީ މިދިޔަ ސީޒަނުގައި ރެއާލަށް ކުޅުނު 46 މެޗުގައި 44 ގޯލު ކާމިޔާބުކޮށްފަ އެވެ.
ބެލޮންޑިއޯ އެވޯޑުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ހާސިލުކުރީ ބާސެލޯނާގެ ތަރި އެލެކްސިއާ ޕުޓެޔާސް އެވެ. މިއީ ޕުޓެޔާސް މި އެވޯޑް ޖެހިޖެހިގެން ހާސިލުކުރި ދެވަނަ ފަހަރެވެ. އެންމެ މޮޅު ކީޕަރުގެ މަގާމު ރެއާލް މެޑްރިޑްގެ ކީޕަރު ތިބޯ ކޯޓުއާ ގެންދިޔައިރު އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމު މިފަހަރު ގެންދިޔައީ ބާސާ އަށް ކުޅެމުން އަންނަ ގަވީ އެވެ. އެންމެ މޮޅު ކްލަބަކަށް ހޮވުނީ މެންޗެސްޓާ ސިޓީ އެވެ. އަދި އެންމެ މޮޅު ފޯވާޑުގެ މަގާމު ލިބިފައިވަނީ ލެވެންޑޯސްކީ އަށެވެ.