Last Updated: June 10, 20:48
Wednesday, June 10, 2026
ރިޕޯޓް

ޓެލެގްރާމް ގްރޫޕްތަކަށް ފިޔަވަޅު ނޭޅި އިދާރާތައް "ކަނު" ވެފައި!

ސިހުރު ހަދައިދޭ ކަމަށް ބުނާ ޓެލެގްރާމް ގްރޫޕު--

ސޯޝަލްމީޑިއާ އަދި ރާއްޖޭގެ ނޫސްތަކުގައި އިއްޔެ ޖާގަ ހޯދި އެއް ކަމަކީ ޓެލެގްރާމް ގްރޫޕެއްގައި ސިހުރު ހަދައިދިނުމުގެ ވިޔަފާރި ކުރާ ވާހަކައެވެ. ޓެރެގްރާމް ގްރޫޕްތައް ހަދައިގެން މިފަދަ ނުރައްކާތެރި ކަންކަން ކުރަމުން އަންނައިރު މިއީ މިފަދަ ވާހަކައެއް އަޑުއިވޭ ފުރަތަމަ ފަހަރެއް ނޫނެވެ.

މީގެކުރިންވެސް ގިނަ ބައެއްގެ ޝަކުވާއަކަށް ވެފައިވަނީ ޓެލެގްރާމްގައި ހިންގާ ގްރޫޕްތަކާމެދު ފިޔަވަޅެއް ނޭޅި ދޫވެފައި އޮންނަ އޮތުމެވެ.

ޓެލެގްރާމް ގްރޫޕްތައް ހަދައިގެން މީހުންގެ ބަރަހަނާ މަންޒަރުތައް ލީކުކޮށް މީހުން ބްލެކްމޭލް ކުރުމުގެ ކަންކަން އާންމު ކަމަކަށް ވެފައިވާއިރު މިފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށް ދައުވާވެސް އުފުލާފައިވެއެވެ. އެހެންނަމަވެސް އެފަދަ އެއް މައްސަލައެއްގައި ފިޔަވަޅު އެޅުނެއްކަމަކު މިފަދަ ގްރޫޕުތައް ހިންގުމަށް ނިމުމެއް ނައެވެ. އަދި މިފަދަ މައްސަލަތައް މަދެއްވެސް ނުވިއެވެ.

ޓެލެގްރާމް މިހާރު ވެފައިވަނީ މިފަދަ ފާހިޝް އަދި ބިރުވެރި މިމުޖުތަމައުގެ އަމަންއަމާންކަމާއި މަސްލަހަތު ނަގާލާ ގިނަ ގްރޫޕުތައް ހިންގާ ބޮޑު ހަބަކަށް ވެފައެވެ. އޮރިޔާން މަންޒަރުތައް ލީކު ކުރާ ގްރޫޕުތަކާއި ސިހުރު ހަދައިދިނުމުގެ ވިޔަފާރި ކުރާ ޓެލެގްރާމް ގުރޫޕުތަކާއި ޖުވާ ކުޅުމުގެ ކަންކަން ހިންގާ ގުރޫޕުތަކުގެ އިތުރުން ޑްރަގުގެ ވިޔަފާރި ކުރާ ގްރޫޕުތަކާއި ހަރުކަށި ފިކުރުގެ ކަންކަން ޕްރޮމޯޓްކުރާ އަދި އިސްލާމްދީނަށް ތައުހީނުކޮށް ދީނަށް ފާޑުކިޔާ މީހުންވެސް އެމީހުންގެ ކަންކަން ހިންގުމަށް ގިނަ ގްރޫޕުތަކެއް އަންނަނީ ހިންގަމުންނެވެ.

މިފަދަ ކަންކަމަކީ ރާއްޖޭގެ ޤާނޫނުތަކުގައި ކުށްކަމުގައި ކަނޑައަޅާފައިވާ ކަންކަމަށްވީއިރު އާންމުކޮށް ހުޅުވާލެވިގެން ހިންގާ މިފަދަ ގްރޫޕުތަކާއި މެދު ފިޔަވަޅު ނާޅާ ދޫކޮށްލާފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިފަދަ ކަންކަމުގެ ޝަކުވާ މަދުން ނަމަވެސް ސޯޝަލްމީޑިއާގައި އަދި އެހެންވެސް ގޮތްގޮތުން އެކި ފަރާތްތަކުން ފާޅުކުރާއިރު ފެނިގެންދަނީ މިފަދަ ކަންކަން ހުއްޓުވުމަށް ކަމާބެހޭ އިދާރާތައް ނުކުޅެދިފައިވާތަނެވެ.

ބަޔަކަށް މިގޮތަށް ގްރޫޕުތަކެއް ހިންމުގެ ފުރުސަތު ދެވިއްޖެނަމަ މިފަދަ ކަންކަން ވެގެންދާނީ މުޖުތަމައުގެ ތެރޭގައި ގިނަ މައްސަލަތަކެއް އުފެދި ފޫނުބެއްދޭނެ ވަރުގެ ގެއްލުންތަކެއް ވާނޭކަމެއް ކަމާއި މެދު ޝައްކެއް ނެތެވެ. މިފަދަ ކަންކަން ހުއްޓުވޭނޭ ގޮތްތައް ހޯދާ މިފަދަ ކަންކަން ކުރާ ފަރާތްތަކާމެދު ޤާނޫނީ ހަރުކަށި ފިޔަވަޅު އެޅޭނޭ ގޮތްތައް ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭނެއެވެ.

މިފަދަ ކަންކަން ހިންގާއިރު ކަމާބެހޭ އިދާރާތަކަކީ އެކަންކަމާމެދު ފިޔަވަޅެއް ނޭޅި ކަނު ބައެއްގެ ގޮތުގައި ވެއްޖެނަމަ ރައްޔިތުންގެ މެދުގައި އިދާރާތަކަށް އަދި ޤާނޫނުތަކާއިމެދު އޮންނަ އިތުބާރު ގެއްލިގެންދާނެއެވެ. ގެއްލިއްޖެ އިތުބާރު އަނބުރާ ހޯދުން ވެގެންދާނީ ނުހަނު އުނދަގޫ ކަމަކަށެވެ. މިފަދަ ކަންކަމާއި މެދު އިދާރާތަކުން ފާރަވެރިވެ ފިޔަވަޅު އެޅުން އަވަސް ކުރަންވެއްޖެއެވެ.