Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ޓެކްސްތަކުން ދައުލަތަށް 1 ބިލިއަން ނުލިބި

ފިނޭންސް މިނިސްޓްރީ

ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ނުލިބިވާ ފައިސާގެ އަދަދު 1 ބިލިއަން ރުފިޔާއަށް އަރާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ މިކަމާ ގުޅޭގޮތުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ކުރެއްވި ސުވާލަށް ފޮނުވި ޖަވާބުންނެވެ. މެމްބަރު އިބްރާހިމް ރަޝީދު ވަނީ ދައުލަތުގެ އާމްދަނީގެ ގޮތުގައި ޖީއެސްޓީ، ޓީޖީއެސްޓީ އަދި ގްރީންޓެކްސް ތައާރަފްކުރި ތާރީހުން ފެށިގެން 2021 ގެ ނިޔަލަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބިފައިވާ ޖުމުލަ އަަދަދު ސާފުކުރުމަށް އެދިފައެވެ. އަދި މިފައިސާ ހޭދަކޮށްފައިވަނީ ކޮންކޮން މަޝްރޫއުތަކަކަށްތީ އާއި، އަދި މިހާތަނަށް ނުލިބިވާ ޓީޖީއެސްޓީއާއި ގްރީންޓެކްސްގެ ޖުމުލަ ފައިސާގެ އަދަދަކީ ކޮބައިތޯ ވެސް ސުވާލު ކޮށްފައިވެއެވެ.

މި ސުވާލަށް ލިޔުމުން ފޮނުވާފައިވާ ޖަވާބުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ، ޓީޖީއެސްޓީއާއި ގްރީން ޓެކުހުގެ ތެރެއިން 31 އޮގަސްޓް 2022 ގެ ނިޔަލަށް ދައުލަތަށް ނުލިބިވާ ފައިސާގެ އަަދަދު ހާމަކުރައްވާފައެވެ.

ޓީޖީއެސްޓީން ނުލިބިވާ ފައިސާ:
* ޓެކްސް: 632.09 މިލިއަން ރުފިޔާ
* ޖުރިމަނާ: 240.34 މިލިއަން ރުފިޔާ
* ޖުމުލަ 872.44 މިލިއަން ރުފިޔާ

ގްރީން ޓެކުހުން ނުލިބިވާ ފައިސާ:
* ޓެކްސް: 85.49 މިލިއަން ރުފިޔާ
* ޖުރިމަނާ: 42.92 މިލިއަން ރުފިޔާ
* ޖުމުލަ: 128.41 މިލިއަން ރުފިޔާ

ފިނޭންސް މިނިސްޓަރު ހާމަކުރެއްވި މައުލޫމާތުން އެނގޭގޮތުގައި ޓީޖީއެސްޓީއާއި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ނުލިބިވާ ފައިސާގެ އަދަދު 1 ބިލިއަން ރުފިޔާއަށް އަރައެވެ.