Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ހައްޖުވެރިންނަށް ޕެނެޑޯލް ވިއްކުމުގެ ޝަކުވާއެއް ނެތް: މިނިސްޓަރު

ހައްޖު ކޯޕަރޭޝަނުން ހައްޖުވެރިންނަށް ޕެނެޑޯލް ވިއްކި ކަމަށްބުނާ ޝަކުވާއެއް ހުށަހެޅިފައިނުވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒާހިރު މިފަދައިން ވިދާޅުވެފައިވަނީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މެމްބަރު އިބްރާޙިމް ރަޝީދު ކުރެއްވި ސުވާލުގައި ވަނީ، ހާޖީންނަށް ބޭނުންވާ ކެއުން ބުއިމާއި ބޭސް ފަރުވާގެ ކަންކަން އެހެން ޖަމާއަތްތަކުން ހާޖީންނަށް ހިލޭކޮށްދެމުން ދާއިރު، 1443 ގައި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ވަޑައިގެންނެވި ހާޖީންނަށް ކޮފީ ވިއްކި ކަމަށާއި، ޕެނެޑޯލް ގުޅައެއްވެސް 2 ރިޔާލަށް ވިއްކި ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

"ވީމާ 1443 ގައި ހައްޖު ދަތުރުގައި ހާޖީންނަށް ކޮފީއާއި ބޭސް ވިއްކެވިތޯއާއި، އެކަމާ ގުޅިގެން ހާޖީން ޝަކުވާކުރުމުން އެކަން ހައްލު ކުރުމަށް މަނިކުފާނު މަސައްކަތްކުރެއްވިންތޯ؟ އަދި އެކަމަށް ހައްލެއް ނުލިބުނީ ކީއްވެތޯ؟" މެމްބަރު އިބްރާހިމް ރަޝީދުގެ ސުވާލުގައިވެއެވެ.

މި ސުވާލަށް ލިޔުމުން ފޮނުވި ޖަވާބުގައި މިނިސްޓަރު ޒާހިރު ވިދާޅުވީ ހައްޖުވެރިންނަށް ކޮފީ ވިއްކާ ޝަކުވާއެއް ލިބުމުން އެކަން ބަލާފައިވާ ކަމަށެވެ. އެގޮތުން މުޅި ދަތުރުގައި ހާޖީންނަށް ދެވޭ ތިން އިރު ކެއުމާއި ހަވީރު ސައިގެ އިތުރުން އެހެނިހެން ވަގުތުތަކުގައި އިތުރު ހިދުމަތެއްގެ ގޮތުގައި ހޮޓަލުގެ ލޮބީގައި ކޮފީ ޗޮޕެއް ހުޅުވައި ކޮފީ ގަންނަން ބޭނުންވި ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކޮފީ ޝޮޕްގައި ކޮފީ ވިއްކި ކަމަށެވެ.

"ހައްޖު ކޯޕަރޭޝަންގެ ފަރާތުން 1443 ވަނަ އަހަރުގެ ހައްޖުގައި ހައްޖުވެރިންނަށް ޕެނެޑޯލް ގުޅަ ވިއްކާފައިވާކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބިފައިނުވެއެވެ." މިނިސްޓަރު ޒާހިރު ލިޔުމުން މަޖިލީހަށް ފޮނުވި ޖަވާބުގައިވެއެވެ.

އެހެންނަމަވެސް މިނިސްޓަރު ވިދާޅުވީ، މެމްބަރު އިބްރާހިމް ރަޝީދުގެ ސުވާލާ ގުޅިގެން މައުލޫމާތު ސާފުކުރުމުން ހައްޖުވެރިންގެ ތެރެއިން ޕެނެޑޯލް ގަންނަން ބޭނުންވި ފަރާތްތަކަށް ޕެނެޑޯލް ވިއްކާފައިވާނެ ކަމުގައި ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދީފައިވާ ކަމަށެވެ.