Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

ރައީސްގެ މަންދޫބެއްގެ ގޮތުން ޝާހިދު އޮމާންގައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އޮމާނަށް ވަޑައިގެންފި އެވެ.

މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އާއި އޮމާނާ ދެމެދުގައި އޮތް ހާރިޖީ ގުޅުންތަކާ މެދު މަޝްވަރާ ކުރެއްވުމަށް ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އޮމާނަށް ވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތުނަކީ ފަހުރެއް ކަމަށެވެ. މި ދަތުރުގެ ތެރެއިން ރާއްޖެ އާއި އޮމާންގެ ގުޅުން އެކި ދާއިރާއަކުން އިތުރަށް ބަދަހިކުރުމަށް އާ ދޮރުތައް ހުޅުވިގެން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު އޮމާނަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ އެ ގައުމުގެ ޗީފް އޮފް ޕްރޮޓޮކޯލް ޚާލިދު އަލްޖަރާދީ އެވެ.

ފޮރިން މިނިސްޓްރީ ބުނި ގޮތުގައި ޝާހިދުގެ މި މަހުގެ 18-20 އަށް ކުރައްވާ ދަތުރެކެވެ. މި ދަތުރުފުޅުގެ ތެރެއިން ރައީސްގެ ފަރާތުން އޮމާންގެ ރަސްގެފާނު ހައިތަމް ބިން ތާރިގު އަށް ޚާއްސަ ސިޓީއެއް ވެސް އެރުވުމަށް ހަމަޖެހިފައިވެ އެވެ.

އޮމާން ދަތުރުގައި ޝާހިދު އެ ގައުމުގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރް އަލް ބުސައިދީ އާއި ބައްދަލުކުރައްވުމާއި ހެރިޓޭޖް އެންޑް ޓުއަރިޒަމް މިނިސްޓަރު ސަލީމް ބިން މުހައްމަދު އަލް މަޙްރޫގީ އާއި ބައްދަލުކުރައްވުމާއި، އިންވެސްޓްމެންޓް އޮތޯރިޓީ އާއި ބައްދަލުކުރައްވާ ޓޫރިޒަމް ދާއިރާގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާ މެދު ވެސް މަޝްވަރާކުރުމަށް ހަމަޖެހިފައިވެ އެވެ.