ފާއިތުވި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން އެންމެ ގިނައިން ޖީއެސްޓީ ދައްކާފައިވަނީ އައްޑޫސިޓީންކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ކުރެއްވި ސުވާލަށް ލިޔުމުން ފޮނުވި ޖަވާބުންނެވެ.
ޖީއެސްޓީއާއި ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ދައްކާފައިވާ މިންވަރު ހާމަވާނެ މައުލޫމާތުތައް ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކޮށްފައިވާއިރު، އެ މައުލޫމާތުތައް ދައްކާގޮތުން ފާއިތުވި ފަސް އަހަރު އަތޮޅުތަކުގެ ނިސްބަތުން ޖީއެސްޓީ އެންމެ ގިނައިން ދައްކާފައިވަނީ އައްޑޫސިޓީންނެވެ.
އެގޮތުން 2017 ވަނަ އަހަރު އައްޑޫސިޓީން ވަނީ 43.2 މިލިއަން ރުފިޔާ ޖީއެސްޓީގެ ގޮތުގައި ދައްކާފައެވެ. އެއަހަރު ދެވަނައަށް އެންމެ ގިނައިން ޖީއެސްޓީ ދެއްކި ކ. އަތޮޅުން ޖީއެސްޓީގެ ގޮތުގައި ދައްކާފައިވަނީ 33.8 މިލިއަން ރުފިޔާއެވެ. 2017 ވަނަ އަހަރު ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ޖުމުލަ ލިބިފައިވަނީ 167.4 މިލިއަން ރުފިޔާއެވެ.
2018 ވަނަ އަހަރު ޖީއެސްޓީގެ ގޮތުގައި ޖުމުލަ 152 މިލިއަން ރުފިޔާ ދައުލަތަށް ލިބުނު އިރު، އެ އަހަރު އައްޑޫސިޓީން ޖީއެސްޓީގެ ގޮތުގައި 44.4 މިލިއަން ރުފިޔާ ދައްކާފައިވެއެވެ. މި އަހަރުވެސް އަތޮޅުތަކުގެ ނިސްބަތުން އެންމެ ގިނައިން ޖީއެސްޓީ ދައްކާފައިވަނީ އައްޑޫސިޓީންނެވެ.
ތަފާސްހިސާބު ދައްކާގޮތުން 2019 ވަނަ އަހަރު އައްޑޫސިޓީން ވަނީ ޖީއެސްޓީގެ ގޮތުގައި 51.7 މިލިއަން ރުފިޔާ ދައްކާފައެވެ. މީގެއިތުރުން 2020 ވަނަ އަހަރު 42.9 މިލިއަން ރުފިޔާ ޖީއެސްޓީގެ ގޮތުގައި އައްޑޫސިޓީން ދެއްކިއިރު، 2021 ވަނަ އަހަރު 46.8 މިލިއަން ރުފިޔާ ޖީއެސްޓީގެ ގޮތުގައި ދައްކާފައިވެއެވެ.

ފިނޭންސް މިނިސްޓަރު ހިއްސާކުރެއްވި މައުލޫމާތުތައް ދައްކާގޮތުން 2019، 2020 އަދި 2021 ވަނަ އަހަރު އެއް ރަށަކުން އެންމެ ގިނައިން ޖީއެސްޓީ ދައްކާފައިވަނީ އައްޑޫސިޓީ ހިތަދޫއިންނެވެ.
އެގޮތުން ހިތަދޫއިން 2019 ވަނަ އަހަރު ޖީއެސްޓީގެ ގޮތުގައި 32.3 މިލިއަން ރުފިޔާ، 2020 ވަނަ އަހަރު 25.3 މިލިއަން ރުފިޔާ އަދި 2021 ވަނަ އަހަރު 29 މިލިއަން ރުފިޔާ ދައްކާފައިވެއެވެ.
ޖީއެސްޓީއާއި ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ދައްކާފައިވާ މިންވަރު ހާމަވާނެ މައުލޫމާތުތައް ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރެއްވިއިރު، ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ނުލިބިވާ ފައިސާގެ އަދަދުވެސް ހާމަކުރައްވާފައިވެއެވެ. އެގޮތުން ފިނޭންސް މިނިސްޓަރު ހާމަކުރެއްވި މައުލޫމާތުން އެނގޭގޮތުގައި ޓީޖީއެސްޓީއާއި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ނުލިބިވާ ފައިސާގެ އަދަދު 1 ބިލިއަން ރުފިޔާއަށް އަރައެވެ.