Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ސިޔާސީ ކަންކަމުގައި މިހާރު ރަނގަޅުވަނީ ދޮގުހެދުން ގިނަވި ވަރަކަށް: ޔާމީން

ސިޔާސީ ކަންކަން މިހާރު ރަނގަޅުވަނީ ދޮގުހެދުން ގިނަވި ވަރަކަށް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ހއ. ވަށަފަރުގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ އިދިކޮޅުން ހިންގި "އިންޑިއާ އައުޓް" ހަރަކާތް ރައީސްގެ ގަރާރަކުން ހުއްޓުވާފައި އޮތުމުން އެކަމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ރައްޔިތުންގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނުހުއްޓުވޭނެކަން ފާހަގަކޮށް ޔާމީން ވިދާޅުވީ މިހާރު ތިއްބެވި ފުލުހުންގެ އިސް ވެރިންގެ އެންގުމުގެ މައްޗަށް ފުލުހުން ލައްވާ މިހާރު ކުރުވާ ކަންތައްތަކަކީ ފުލުހުންގެ ތާއީދު އޮތްކަމެއް ނޫން ކަމަށެވެ.

"މިހާރުގެ ސަރުކާރުގައި ތިއްބެވި މީހުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ފިރިހެނުންނަށްވާން ކެރޭށޭ. އަޅުގަނޑުމެން މިކުރާ މަސައްކަތް އެއްގޮތަކަށްވެސް ބަންދު ނުކުރައްވާ އަޅުގަނޑުމެން ކުރަން ދެއްވާ." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކަށް ސިޔާސީ ވާހަކަ ދައްކާނޭ މިންވަރަކަށް ދެއްކުމުގެ ފުރުސަތު ދީފައި އޮންނާނެ ކަމަށާއި، އަދި އެ ފުރުސަތުގެ ބޭނުން ނާޖައިޒު ގޮތުގައި ހިފިކަމަށެވެ.

އެހެންނަމަވެސް މިސަރުކާރަށް، ޕީޕީއެމަށް އެ ފުރުސަތުގެ ބޭނުންކުރަން ދޭން ނުކެރިގެން އުޅެނީ ކީއްވެތޯ ޔާމީން ސުވާލު އުފެއްދެވިއެވެ. އަދި ސަރުކާރުން ކިތަންމެ ވަރަކަށް މީހުންގެ ސިކުނޑިތައް ތަޅުލަން ބޭނުންވިނަމަވެސް އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ޔާމީން ވިދާޅުވީ ސިޔާސީ ކަންކަން މިހާރު ރަނގަޅުވަނީ ދޮގުހެދުން ގިނަވި ވަރަކަށް ކަމަށެވެ.

"ދޮގު ހަމަ ގިނައިން ހެދި ވަރަކަށް ސިޔާސީގޮތުން މޮޅު މީހަކަށް އެބަވޭ. އަދި މިކަން ކުރަނީ ކޮންބައެއް؟ މިކަން ކުރާކަން ވަކިބައެއް ނެތޭ." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ މިސްކިތުގައި ހުތުބާ ދިނުމަށް ތިބޭ މީހުންވެސް ހުތުބާ ނިންމުމަށްފަހު ސިޔާސީ ޕޯޑިއަމަށްއަރާ ދޮގު ނޫން ވާހަކައެއް ދައްކަން ނޭންގޭ ކަމަށެވެ.

ގާނޫނުތައް ހެދިފައިހުރި ރަނގަޅު ވިސްނުމުގައި ރަނގަޅު ނިޔަތުގައި ކަމަށް ވިދާޅުވެ ޔާމީން ވިދާޅުވީ އެ ގާނޫނުތަކުގެ ބޭނުން މިހާރު ކުރަމުން އަންނަނީ ބޭނުން ގޮތަކަށް ކަމަށެވެ. ޔާމީން ވިދާޅުވީ ޤާނޫނުތައް އޮތްގޮތުން ހެކި ނައްތާލަފާނެތީ ކަމަށްބުނެ މީހަކު ހައްޔަރުކޮށް ޝަރިއަތް ބަންދު ކުރުމުގެ ފުރުސަތު އޮތް ކަމަށާއި، އެހެންނަމަވެސް ހެކި ނައްތާލަފާނެތީ މީހަކު ހައްޔަރު ކުރަން ނުޖެހޭ ކަމަށެވެ.

"މިހިރީ އަޅުގަނޑުމެންނަށް ގާނޫނުގައި ލިޔެވިފައިހުރި، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމުގެ ނަމުގައި މިހިރީ ރައްޔިތުންނަށް އަަދަބުދޭން ލިޔެވިފައި ހުރި މާއްދާތައް. ހެކި ނައްތާލަފާނެތީ ނުޖެހޭ މީހަކު ހައްޔަރު ކުރާކަށް."

ހެކި ހޯދަންޖެހޭނީ ތަހުގީގުކުރާ އިދާރާތަކުންކަން ފާހަގަކޮށް ޔާމީން ވިދާޅުވީ ހެކި ހޯދަންޖެހޭނީ ފުލުހުން ކަމަށެވެ. އަދި ހެކި ނައްތާލަފާނެތީ ތުހުމަތުކުރެވޭ މީހާ ހައްޔަރު ކޮށްފައި ބަހައްޓަން ނުޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.