Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

އެންޓި ކޮރަޕްޝަން ކޮންފަރެންސް މި މަހު

"މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮންފަރެންސް 2022" ގެ މި މަހު ފަށާ ގޮތަށް ނިންމައިފި އެވެ.

ކޮރަޕްޝަން ކޮމިޝަން( އޭސީސީ) އިން ބާއްވާ މި ކޮންފަރެންސް އޮންނާނީ މި މަހުގެ 30 އާއި 31 ގައި ބަނޑޮސް އައިލޭންޑް ރިސޯޓްގަ އެވެ.

މި ކޮންފަރެންސާ ގުޅޭ ގޮތުން މަޢުލޫމާތުދެއްވަމުން އޭސީސީން ބުނީ ގެ ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ހަމަޖެހިފައިވާ ކޮންފަރެންސެއް ކަމަށާއި މި އަހަރުގެ ކޮންފަރެންސް ހާއްސަކޮށްފައި ވާނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކަމަށެވެ. އަދި ކޮންފަރެންސް ބާއްވަނީ ޓްރާންސް ޕޭރެންސީ މޯލްޑިވްސްއާ ގުޅިގެންނެވެ.

އަފާ ވިދާޅުވީ، މިފަހަރުގެ ކޮންފަރެންސްގެ ތެރެއިން ކޮރަޕްޝަންގެ ސަބަބުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެކަންކަމުން އަރައިގަތުމަށް ކުރެވޭނެ މަސައްކަތްތަކާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެކަމަށެވެ. ހަމައެހެންމެ ސަރުކާރު ކުންފުނިތަކުގެ ހިންގުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމަށް އެޅިދާނެ ފިޔަވަޅުތަކާގުޅޭގޮތުންވެސް ކޮންފަރެންސްގެ ތެރެއިން ޚިޔާލުބަދަލުކޮށް މަޝްވަރާކުރެވޭނެކަމަށް އަފާ ވިދާޅުވިއެވެ.

ކޮންފަރެންސްހެ ތީމަކަށް ކަނޑަައަޅާފައި ވަނީ "ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ނަޒާހާތްތެރިކަން" މި އެވެ.

ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެސްއޯއީތަކާ ގުޅުން ހުރި އެކި މުއައްސަސާތައް އެއް ތަނަކުން ބައްދަލުވެ، އެސްއޯއީތަކުގެ ހިންގުމުގެ އޮނިގަނޑުގައި ހުރި މައްސަލަތަކާއި އެސްއޯއީތަކާ ގުޅޭ ގޮތުން ހުރި ގާނޫނާއި ޤަވާއިދުތައް ތަންފީޒުކުރުމަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމެވެ.