މަގުމަތިން ހޮވި 10،000 ރުފިޔާގެ ވެރިއަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.
ފުލުހުން މި މަހުގެ 14 ވަނަ ދުވަހުގެ ރޭ 12:04 އެހައިކަންހާއިރު ބޮޑުތަކުރުފާނު މަގު، 1 ނަމްބަރު ފާލަން ހިމެނޭ ސަރަހައްދުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ހުދުކުލައިގެ ސިޓީއުރައެއްގައި ހުރި 10،000 އަށް ވުރެ ގިނަ ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ކަމަށެވެ.
މި ފައިސާތަކުގެ ވެރިފަރާތް ހޯދުމަށް މިހާތަނަށް ފުލުހުންކުރި މަސައްކަތުން ވެރިފަރާތް ހޯދިފައެއް ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ވީމާ މި ފައިސާތަކުގެ ވެރިފަރާތުން، ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާތަކާ ހަވާލުވުމަށާ އަދި އިތުރު މައުލޫމާތު ބޭނުންފުޅުނަމަ 9631696 އަށް ގުޅުއްވުމަށް ފުލުހުން އެދިފައިވެއެވެ.