ގްރޫޕަކުން ތޫނު އެއްޗެހިން ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ކުށް ސާބިތުވި ކުޑަކުއްޖާ 18 އަހަރަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މީގެ ފަސް އަހަރު ކުރިން މާލޭގެ "ލިޓަސް" ގަރާޖެއް ތެރޭގައި ރ. މީދު އަށް އުފަން އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ހަތް މީހަކާއި ކުޑަކުއްޖެއްގެ މައްޗަށް ދައުވާކުރި އެވެ. އެ މައްސަލާގައި ޖުވެނައިލް ކޯޓުގައި ކުށް ސާބިތުނުވެ، ސަލާމަތްވީ އެ ހާދިސާ ހިނގިއިރު އުމުރުން 17 އަހަރުގެ ކުއްޖެކެވެ.
ނަމަވެސް ހައި ކޯޓުން މި މަހުގެ 11 ވަނަ ދުވަހު ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައިފަ އެވެ. އޭނަ އަށް މިހާރު 18 އަހަރު ފުރިފައި ވިޔަސް، ކުޑަކުދިންގެ ގޮތުގައި ތިބެ ކުށްކުރާ މީހުންގެ މައުލޫމާތު އާންމު ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށްވާތީ އޭނާގެ މައުލޫމާތު އޮތީ ސިއްރުކޮށްފަ އެވެ.
ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ވަނީ އޭނާ 18 އަހަރާއި 9 މަހަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.
އަނަސްގެ ވާރިސުންގެ ބަސް މީގެ ކުރިން ހައިކޯޓުން ނެގި އިރު، އޭނާ މަރާލި ކުއްޖާގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ހުރިހާ ވާރިސުން ވެސް ބުނެފައިވެއެވެ. އެކަމަކު ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކުރާ ކުށްތަކަށް މަރުގެ އަދަބެއް ނުދެވެ އެވެ.
މައްސަލާގައި ހިމެނޭ ކުޑަކުއްޖާ މަރުގެ އަދަބުން ސަލާމަތްވީ އެހެންވެ އެވެ.