މި މަހުގެ ކުރީކޮޅު ބޮޑު ހަމަނުޖެހުންތަކެއް ހިންގައި 100 އަށް ވުރެ ގިނަ މީހުން މަރުވި އިންޑޮނީޝިއާގެ ސްޓޭޑިއަމް ރޫޅާލަން ނިންމައިފި އެވެ.
ސްޓޭޑިއަމްގެ ހަމަނުޖެހުމާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލުކުރެއްވުމަށް ފަހު ރިޔާސީގަނޑުވަރުގައި ދެ ބޭފުޅުން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ވިދާޅުވީ ހަމަނުޖެހުން ހިންގި މަލަންގް ސިޓީގެ ކަންޖޫރުހާން ސްޓޭޑިއަމް ރޫޅާލަން ނިންމާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ސްޓޭޑިއަމް ރޫޅައިލުމަށް ފަހު އެތަން ބޮޑެތި ބަދަލުތަކާއި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާ އެކީ ފީފާގެ މިންގަނޑުތަށް ފައްތައިގެން އަލުން ސްޓޭޑިއަމް ބިނާކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ފުޓްބޯޅަ އަށް މަރުދޭ ބަޔަކު އުޅޭ އިންޑޮޝިއާ އިން އެ ކުޅިވަރަށްޓަކައި ގިނަ ކަންކަން ކުރަން ޖެހޭ ކަންކަން ވެސް ގަބޫލުރަައްވާ ކަމަށެވެ.

އެގޮތުން މި މަހު ސްޓޭޑިއަމްގައި ހިނގި ފަދަ ހާދިސާއެއް ދެން ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ބައްޓަންކޮށް، ފުޓްބޯޅައިގެ ކަންކަން މިހާރަށް ވުރެ ހަރުދަނާކުރާނެކަމުގެ ޔަގީން ވެސް ފީފާގެ ރައީސަށް ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
"އެހެންވެ ދެން އިންޑޮނީޝިއާ މިސްރާބު ޖަހާނީ ފުޓްބޯޅައިގެ އާ ބަދަލަކަށް،" ރައީސް ވިދާޅުވި އެވެ. "ފީފާގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ނޫނީ ދެން އިންޑޮނޝިއާގެ ފުޓްބޯޅައިގެ އެއްވެސް ކަމެއް ނުހިނގާނެ."
މި މަހުގެ 1 ވަނަ ދުވަހުގެ ރޭ އިންޑޮނީޝިއާ ލީގުގައި އަރޭމާ އާއި ޕާސެބާޔާ ސުރަބަޔާ ބައްދަލުކުރި މެޗަށް ފަހު ހިނގި ބޮޑެތި ހަމަނުޖެހުންތަކާ ގުޅިގެން 133 މީހަކު މަރުވެފައިވެ އެވެ. އަދި އެ ހާދިސާއާ ގުޅިގެން މިހާތަނަށް ހަ މީހެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އޭގެ ތެރޭގައި ތިން ފުލުހަކު ވެސް ހިމެނެ އެވެ.
އެ ހާދިސާއާ ގުޅިގެން ހިންގި ތަހުގީގަށް މިހާތަނަށް ފާހަގަވެފައިވާ ގޮތުގައި ގިނަ ބަޔަކު މަރުވާން ދިމާވީ ފުލުހުން ކަރުނަގޭސް ޖެހުމުންނެވެ.