Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ޖޯޓާ އަށް ވޯލްޑް ކަޕުގައި ނުކުޅެވޭނެ

ލިވަޕޫލަށް ކުޅެމުން އަންނަ ލިވަޕޫލްގެ ފޯވާޑް ޑިއޯގޯ ޖޯޓާގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އަށް އަންނަ މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ނުކުޅެވޭނެ ކަމަށް ލިވަޕޫލް ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ޖޯޓާ އަށް އަނިޔާވެފައިވަނީ ޕްރިމިއާ ލީގުގައި މިދިޔަ އާދީއްތަ ދުވަހުގެރޭ މެންޗެސްޓާ ސިޓީ އަތުން 1-0 އިން ލިވަޕޫލް މޮޅުވި މެޗުގަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ ޖޯޓާ އަށް ލިބިފައިވަނީ ސީރިއަސް އަނިޔާއެއް ކަމަށާއި އޭނާ އަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެ ކަމަށެވެ. މިއީ ޕޯޗުގަލް އަދި ލިވަޕޫލަށް ވެސް ވަރަށް ދެރަ ހަބަރެއް ކަމަށާއި ޖޯޓާ އަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށް ކްލޮޕް ބުންޏެވެ.

ޖޯޓާ އަކީ ލިވަޕޫލް އަދި ޕޯޗުގަލް އަށް ވެސް މުހިއްމު ކުޅުންތެރިއެއް ކަމަށްވާއިރު، އަނިޔާގެ ސަބަބުން ވުލްވްސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ވިންގާ ޕެޑްރޯ ނެޓޯ އަށް ވެސް ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.

ވޯލްޑް ކަޕްގައި ޕޯޗުގަލް ލައްވާލާފައިވަނީ ގްރޫޕް އެޗްގަ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ގާނާ އާއި އުރުގުއޭ އަދި ދެކުނު ކޮރެޔާ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 24 ވަނަ ދުވަހު ޕޯޗުގަލް ނިކުންނާނީ ގާނާއާ ދެކޮޅަށެވެ.