Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

އައްޑޫ މަގުތަކުގެ ކޮލިޓީ ދަށްކަމުގެ ޝަކުވާ ބޮޑު

ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު -- ފޮޓޯ: ރައީސް އޮފީސް

އައްޑޫގެ މަގު ހެދުމުގެ މަސައްކަތުގެ ކޮލިޓީ ދަށްކަމުގެ ޝަކުވާ ބޮޑު ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ އެފްކޮންސް އިން އައްޑޫގައި ހިންގާ ބިޔަ މަގު ހެދުމުގެ މަަސައްކަތުގެ ކޮލިޓީ ދަށްކަމުގެ ޝަކުވާ އިންތިހާ އަށް ބޮޑު ކަމަށެވެ. އެތައް މިލިއަން ޑޮލަރެއްގެ މި މަސައްކަތް ގާތުން ބަލައި ރަނގަޅު ކުރަން ނިހާދު ވަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފަ އެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫއަކީ އިންޑިއާ އެގްޒިމް ބޭންކްގެ 800 މިލިއަން ރުފިޔާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ ގައުމުގެ އެފްކޮންސް އިންފްރާސްޓަކްޗަ ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި މަސައްކަތުގެ ތެރެއިން އައްޑޫގެ އަވަށްތަކުގެ މަގުތަކުގެ އިތުރުން ހަންކެޑެ އާއި ގައުކެނޑި ގުޅިފައި އޮތް ކޯޒްވޭ ބަދަލުކުރުން ވެސް ހިމެނެ އެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ފޭދޫ ފިޔަވައި އެހެން ހުރިހާ އަވަށެއްގައި ޖުމްލަ 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމް ވެސް ގާއިމުކުރާނެ އެވެ. މަގުތައް ހަދާ އިރު، ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭ ގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެ އެވެ. އަދި ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީއެސްބީ) ލެޔާ އެޅުމަށް ހަމަޖެހިފައިވާ އެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 106 ކިލޯމީޓަރުގެ މަގު ހަދާނެ އެވެ.