އައްޑޫ ހިތަދޫ ގެއަކުން ފޯނެއް ވަގަށް ނައިގެން އެ ފޯނު ވިއްކި އުމުރުން ދުވަސްވީ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ އާދީއްތަ ދުވަހު ހިތަދޫ ގެއަކުން ރެޑްމީ ބްރޭންޑްގެ ފޯނެއް ވަގަށް ނެގި މައްސަަލައެއް ރިޕޯޓްކުރުމާ ގުޅިގެން ފޯނު ހޯދަން ކުރި މަސައްކަތުން 51 އަހަރުގެ ދިވެހި ފިރިހެނަކު އެ ފޯނު ވަގަށް ނަގައިގެން ބިދޭސީއަކަށް ނުއަގުގައި ވިއްކާލާފައި ވަނިކޮށް، ހޯދާފައިވާ ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު ފޯނު އޭގެ ވެރި ފަރާތާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ފޯނު ވަގަށް ނެގި މީހާ އާއި ގަތް މީހާ ހައްޔަރުކޮށް މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ. މި މަހުގެ 16 ވަނަ ދުވަހު ހުޅުމީދޫ ގެއަކުން ފޯނެއް ވަގަށް ނެގި މައްސަލައެއްގައި 42 އަހަރުގެ ބިދޭސީ ފިރިހެނަކު ވެސް ހައްޔަރުކޮށްފައިވެ އެވެ.
އައްޑޫގައި ފަހަކަށް އައިސް ވައްކަންކުރުން އިތުރުވެފައިވާ އިރު، ވަގަށް ނަގައިގެން ނުއަގުގައި ވިއްކާ ތަކެތި އާންމުން ނުގަތުމަށް ފުލުހުން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.