Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ކަންޓޭ ހަތަރު މަހަށް ކުޅުމާ ދުރަށް

އަނިޔާގެ ސަބަބުން ޗެލްސީގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ހަތަރު މަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

މިދިޔަ އޮގަސްޓު މަހުގެ 14 ވަނަ ދުވަހު ޕްރިމިއާ ލީގުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅެ 2-2 އިން ޗެލްސީ އެއްވަރުވި މެޗުގައި ލިބުނު އަނިޔާއަށްފަހު ކަންޓޭ މެޗެއް ކުޅެފައެއް ނުވެ އެވެ. އެފަހަރު ލިބުނު އަނިޔާ އިން ރަނގަޅުވެ ފަރިތަކުރުންތަކުގައި ކަންޓޭ ބައިވެރިވާން ފެށިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އަނެއްކާވެސް ވަނީ އަނިޔާވެފަ އެވެ.

ޗެލްސީން ނެރުނު ބަޔާނެއްގައި ބުނީ ކަންޓޭގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން އޮޕަރޭޝަނެއްކޮށްފައިވާ ކަމަށެވެ. އެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި ކަންޓޭ ހަތަރު މަސް ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ޗެލްސީން ބުނެފައިވެ އެވެ.

މި އަނިޔާގެ ސަބަބުން ކަންޓޭ އަށް އަންނަ މަހު ގަތަރުގައި ފަށާ ވޯލްޑް ކަޕްގައި ނުކުޅެވޭނެ އެވެ. ކަންޓޭގެ އިތުރުން ޗެލްސީގެ އިނގިރޭސި ޑިފެންޑަރު ރީސް ޖޭމްސް އަށް ވެސް އަނިޔާގެ ސަބަބުން ވޯލްޑް ކަޕްގައި ކުޅެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ކަންޓޭ އަކީ ޗެލްސީ އާއި ފްރާންސްގެ މެދުތެރޭގައި ފާއިތުވި އަހަރުތަކުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އެެގޮތުން ކަންޓޭ ވަނީ 2018 ވަނަ އަހަރު ފްރާންސާއެކު ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

ކަންޓޭ އަށް ވޯލްޑް ކަޕް ގެއްލިފައިވާއިރު އަނިޔާ އިން ރަނގަޅުވެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ އިއްޔެ ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފަ އެވެ.