Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

އައްޑޫން ކުކުޅުބިސް ހުސްވެއްޖެ!

އައްޑޫން ކުކުޅުބިސް ހުސްވެއްޖެ އެވެ.

އައްޑޫގެ ގިނަ ފިހާރަތަކުން ބުނި ގޮތުގައި ބިސް ހުވެފައިވާ އިރު، ބިސް ނުލިބިގެން އެކަމުގެ ޝަކުވާތައް އާންމުންގެ ފަރާތުން ވެސް ދަނީ ލިބެމުންނެވެ. އާންމުންގެ އިތުރުން ރެސްޓޯރަންޓް ފަދަ ތަންތަން ހިންގާ ފަރާތްތަކުން ވެސް ބުނި ގޮތުގައި ބިސް ހުސްވެފައިވާތީ އެކަމުގެ ދަތިކަން ވަނީ ކުރިމަތިވެފަ އެވެ.

ހިތަދޫ ސުޕަ މާކެޓަކުން ބުނީ ބިސް އެއްކޮށް ހުސްވީ މި ހަފުތާގެ ތެރޭގައި ކަމަށާއި އަލުން ލިބޭނެ އިރެއް ބުނަން ދަތި ކަމަށެވެ. މަރަދު އާއި ފޭދޫގެ އިތުރުން ހުޅުމީދޫގެ ބައެއް ފިހާރަތަކުން ވެސް ބުނި ގޮތުގައި ބިސް މި ހަފުތާގެ ތެރޭގައި ހުސްވުމާ ގުޅިގެން ބިސް އަލުން ގެނެވޭތޯ އަންނަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ.

ބައެއް ފިހާރަތަކުން ބުނި ގޮތުގައި އައްޑު އަށް ބިހުގެ ދަތިކަން ތާށިވީ ރާއްޖެ އަށް ބިސް އެތެރެކޮށް ވިއްކާ އެސްޓީއޯ އިން ވެސް ބިސް ލިބުން ދަތިވެގެން ކަމަށެވެ. އެކަމަކު ވީހާ ވެސް އަވަހަކަށް ބިސް ގެނެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް އަައްޑޫގެ ފިހާރަތަކުން ބުންޏެވެ.

ބައެއް އާންމުން ބުނި ގޮތުގައި އައްޑޫގެ ބައެއް އަވަށްތަކުގެ ކަންމަތީ ފިހާރަތަކުން އަދި ކޮންމެވެސް ވަރަކަށް ބިސް ލިބެން ހުރި ނަމަވެސް ބިހުގެ ތާށިކަން ކުރިމަތިވުމުން ބައެއް ތަންތަނުން މިހާރު ބިސް ވިއްކަމުން ދަނީ ކުރިން ވިއްކި އަގަށް ވުރެ ބޮޑުކޮށެވެ.