ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޯހަނުޖެހޭ ކަހަލަ ވާހަކަ ދައްކަވާ ކަމަށް ވިދާޅުވެ ފާޑު ވިދާޅުވުމަށް ފަހު، އަނެއްކާ ވެސް ޔާމީންގެ ވާހަކަތަކަކަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ފާޑު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން މިހާރު ހއ. އަތޮޅުގެ ރަށްތަކަށް ކުރަމުން އަންނަ ދަތުރުގެ ތެރެއިން ބާރަށުގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކައިގެ ތެރޭގައި އީސާގެފާނު ފަސްދާނުލި ކަމަށް ވިދާޅުވި ވާހަތަކާ ގުޅިގެން ހޯމް މިނިސްޓަރު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ޔާމީންގެ އެ ވާހަތަކަކީ ހަމަ ޔަގީނުން ވެސް އިސްލާމް ދީނުގެ ސުންނަތް ޖަމާއަތުގެ އަގީދާއެއް ނޫން ކަމަށެވެ.
"ރައީސް ޔާމީން ކޮން ތާކުން ދަސްކުރެއްވި އަގީދާއެއް ބާ؟" އިމްރާމް ވިދާޅުވެއް އެވެ.
Mee hama yaqeenunves islaam dheenuge sunnaiy jamaa’athuge aqeedha eh noon.mee RY kon thaakun dhaskurehvi aqeedha eh baa? pic.twitter.com/jCyhH3FTli
— Imran Abdulla (@ShimranAb) October 18, 2022
އެކަމާ ގުޅުވައިގެން އޭނަ ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ ދީނާ ގުޅުން ހުރި އެފަދަ ވާހަކަތައް ބަދަލުކުރައްވާ ނަމަ ރައީސް ޔާމީނަށް ބާރެއް ލިބިވަޑައިގެންފި ނަމަ ދީނުގެ ކިތައް ކަންތައް ބަދަލުކޮށްފާނެތޯ ވެސް ސުވާލު އުފައްދަވައިފަ އެވެ.
Mi beyfulha ah baareh libijje nama mi gothah dheenuge kithah kanthah badhalu kohlahvaane baa?
— Imran Abdulla (@ShimranAb) October 18, 2022
ބާރަށު ޖަލްސާގައި ދެއްކެވި ވާހަކައިގައި އީސާގެފާނު ފަސްދާނުލި ކަމަށް ވިދާޅުވެވުމުން އެ ވާހަކަ ފަހުން ޔާމީން އިސްލާހުކުރެއްވި އެވެ. ޔާމީން ވިދާޅުވީ އީސާގެފާނު ފަސްދާނުލި ކަމަށް އެ މަނިކުފާނަށް ދެންނެވުނީ އޮޅިގެން ކަމަށާއި އެހެން ވިދާޅުވެވުނީތީ ހުރިހާ ދިވެހި ރައްޔިތުންގެ ކިބައިން މާފަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.
ޔާމީން ވިދާޅުވީ އީސާގެފާނު އުޑަށް އުފުއްލެވީ ކަމަށާއި، އެކަން ކީރިތި ޤުރުއާނުގެ ނައްސުން ވެސް ސާބިތުވާން އޮތް ކަމަށެވެ.