Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ގަލޮޅު ދަނޑުގެ މަސައްކަތް ފެށުން މިހާރު އޮތީ ފަހު މަރުހަލާގައި: މަހުލޫފް

މިނިސްޓަރު އަހުމަދު މަހުލޫފް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގަލޮޅު ދަނޑުގެ މަސައްކަތް ފެށުމަށް ކުރެވޭ މަސައްކަތުން މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތްކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންނަށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް ވަނީ ގަލޮޅުދަނޑުގެ މަސައްކަތާއި ގުޅޭގޮތުން މިނިސްޓަރު މަހުލޫފާ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ، ގަލޮޅު ދަނޑުގެ މަސައްކަތަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން މިހާރުހުރި ދަނޑު ތަޅާލުމަށްފަހު އާ ދަނޑެއް އެޅޭނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

"މިހާރު އޭގެ އެންމެ ފަހު މަރުހަލާގެ [މަސައްކަތުގެ] ތެރޭގަ މިދަނީ." މަހުލޫފް ވިދާޅުވިއެވެ.

ގަލޮޅު ދަނޑު ހެދުމަށް ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ހަރަދުވާކަން ފާހަގަކޮށް މަހުލޫފް ވިދާޅުވީ، ގަލޮޅު ދަނޑު ތަޅާލާނީ ހުޅުމާލޭގައި އޮތް ދަނޑުގައި ކުޅެވޭނެ ސެޓަޕް ގާއިމު ކުރުމަށްފަހު ކަމަށެވެ.

ގަލޮޅު ދަނޑު ތަޅާލާ އައު ދަނޑެއް ތަރައްޤީކުރުމަށް ނިންމާފައިވާކަން މިނިސްޓަރު މަހުލޫފް ހާމަކުރައްވާފައިވަނީ މިއަހަރުގެ އޭޕްރިލް 5 ވަނަ ދުވަހުއެވެ.