Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

"ކުޑަގިރި" އަންނަ މަހު ހުޅުވަނީ

މާލެ ސަރަހައްދުގައި އުޅޭ މީހުން ދަތުރު ދާން ހާއްސަކޮށްގެން ތަރައްގީކުރަން ފެށި "ކުޑަގިރި" އަންނަ މަހުގެ ތެރޭގައި ހުޅުވަން ނިންމައިފި އެވެ.

ކުރިން އެ ރަށް ހުޅުވާ ގޮތަށް ނިންމީ މި އަހަރުގެ މިނިވަން ދުވަހާ ދިމާކޮށެވެ. އެކަމަކު މުޅި ރަށުގެ މަސައްކަތް އިތުރަށް ފުރިހަމަކުރުމަށްޓަކައި ރަށް ހުޅުވުން ފަސްކުރީ އެވެ. ހާއްސަކޮށް ރަށް ފެހިކުރަން ކުރަން ޖެހޭ މަސައްކަތްތަކާ ގުޅިގެން ހުޅުވުން ލަސްކުރީ އެވެ.

"ކުޑަގިރި" އަންނަ މަހު ހުޅުވުމާ ބެހޭ ގޮތުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ޕީއެސްއެމަށް ވިދާޅުވީ މިހާރު އެ ރަށުގައި ކުރަމުން އަންނަނީ ރަށް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ. އޭނާ ވިދާޅުވީ ރަށް ފެހި ކުރުމުގެ މަސައްކަތްތައް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން މިހާރު ގަސް އިންދަން ތަފާތު ގިނަ ޕްރޮގްރާމްތަކެއް ވެސް ހިންގާފައިވާ ކަމަށް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި "ކުޑަގިރި" ގައި ގާއިމުކުރާ ހިދުމަތްތަކާއި ފެސިލިޓީތަކުގެ 95 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ. އެހެންވެ ސަރުކާރުގެ އަމާޒަކީ އަންނަ މަހު ރަށް އާއްމުންނަށް ހުޅުވާލުން ކަމަށް ވިދާޅުވި އެވެ. އެކަމަކު ހުޅުވާނެ ސީދާ ތާރީހެއް ވިދާޅެއް ނުވެ އެވެ.

ބިން ހިއްކައިގެން "ކުޑަގިރި" ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލުކުރީ މަސައްކަތް ފަށާތާ ހަ މަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެގޮތުން 8 ހެކްޓަރުގެ ބިން ހިއްކުމާއި، 397.27 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ ގާއިމުކުރުމާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އެޅުން ހިމެނެއެ ވެ. ޕިކްނިކް އައިލެންޑް މަޝްރޫއުގައި "ކުޑަގިރި" ފަޅުގައި ދެ ރަށް ހިއްކުމަށް ހަމަޖެހިފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ އަށް ހެކްޓަރުގެ ޕިކްނިކް އައިލެންޑާއި ސޭންޑްބޭންކް ގޮތަށް ހަދާ 1.5 ހެކްޓަރުގެ ރަށެކެވެ.

"ކުޑަގިރި" ތަރައްގީކުރަނީ ސަރުކާރުގެ ފަސް ކުންފުންޏެއް ގުޅިގެންނެވެ. އެއީ އެމްޓީސީ އާއި އެޗްޑީސީ އާއި އެމްޑަބްލިއެސްސީ އާއި ފެނަކަގެ އިތުރުން ސްޓެލްކޯ އެވެ.