އައްޑޫގައި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް (ކޭއެފްއެމް) އިން ހަދަން ނިންމާފައިވާ މަސް ފެކްޓަރީ އެޅުމަށް އެދި ހުށަހެޅި 8 ހެކްޓަރު ބިން ސަރަހައްދީ ބަދަރާއި ދިމާލުން ދީފައިވާ ކަމަށް އައްޑޫ މޭޔަރު އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.
ސޯބެ މިގޮތަށް ވިދާޅުވީ އައްޑޫގެ ތަރައްޤީއަށް އައްޑޫ ސިޓީ ކައުންސިލުން ހުރަސް އަޅަނީ ކަމަށް ބުނެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރާއްޖޭގެ މީޑިއާތަަކަށް އިންޓަވިއު ދެއްވުމާ ގުޅިގެންނެވެ.
ސޯބެ ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން އައްޑޫގެ ތަރައްޤީގެ އެއްވެސް ކަމަކަށް ހުރަސް ނާޅާކަމަށެވެ. އަދި ކައުންސިލް ބަދުނާމްކޮށް ދޮގު މައުލޫމާތު ދެނީ އައްޑޫގެ ތަރައްޤީއަށް ކަމެއް ކޮށް ނުދޭންކަމަށެވެ.
ޑރ. ޝައިނީ ވިދާޅުވީ އައްޑޫގެ މަސްވެރިންނަށްނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދިން ކަމަށާއި އަދި އައްޑޫ ސިޓީގައި މަސް ގަނެ ރައްކާކުރެވޭނެ ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހެދުމަށް ސަރުކާރުން ވަނީ ކުރަންޖެހޭ ކަންކަން ކޮށް ނިންމާފައި ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ބިން ހޯދުމަށް އައްޑޫ ސިޓީ ކައުންސިލަށް ހުށަހެޅުމުން ބިން ހަމަ ނުޖެއްސި ކަމަށެވެ.
ސޯބެ ވިދާޅުވީ ހިތަދޫ ސަރަހައްދީ ބަނދަރާ ދިމާލުން ހިއްކާފައިވާ ބިމުގައި 1،500 ޓަނުގެ ސްޓޯރޭޖަކާއި ދުވާލަކު 50 ޓަނު އުފެއްދޭ އައިސް ޕްލާންޓަކާއި ތެޔޮ ރައްކާ ކުރެވޭނެ ސްޓޯރޭޖަކާއި އަދި ކޫއްޑޫގެ އިދާރީ ބައެއް ހެދުމަށް ބިން ހަމަޖައްސާފައިވާ ކަމަށެވެ.
އަދި އެމަސައްކަތް ކުރުމަށް މެލޭޝިއާގެ ވޮންގް ބްރަދާޒް އާއި އެކު އެއްބަސްވުން ހަދައި 10 މަސް ދުވަހުގެ ތެރޭގައި ނިންމާނެކަމަށް ކޭއެފްއެމްގެ މެނެޖިން ޑިރެކްޓަރު މުހައްމަދު މުއްތޮލިބު ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އެކަން ނުފެށި ލަސްވި ސަބަބެއް ނޭގޭ ކަމަށެވެ.
ސޯބެ ވިދާޅުވީ މިދިޔަ ހަފްތާގައި ފިޝަރީޒް މިނިސްޓްރީގެ ސިޓީއެއް މަރަދޫ ބަނދަރާއި ދިމާލުން މަސް ފެކްޓްރީ އެޅުމަށް ބޭނުންކަމަށް ބުނެ ފޮނުވާފައިވާކަމަށެވެ. ނަމަވެސް އެތަނުގައި މަސް ފެކްޓަރީއެއް އެޅުމަށް މިވަގުތު ބިން ނެތް ކަމަށެވެ.
"މަރަދޫ ބަނދަރު ސަރަހައްދުން ކައުންސިލުން ވަނީ ކުރިން ދެފަރާތަކަށް ބިން ހަމަޖައްސާފައި، އެތަނުގައި ކޯލްޑް ސްޓޯރޭޖެއް ހެދުމުހެ މަސައްކަތް ކުރަމުން އެބަދޭ. އެސަރަހައްދުން އިތުރު ބިމެއް ބޭނުންނަމަ ޖެހެނީ ހިއްކަން."
ސޯބެ ވިދާޅުވީ އައްޑޫއަށް ކަންކަން ކުރަން އުޅޭކަމަށް ބުނެ ރައްޔިތުން އޮޅުވާލުމަށް މަސައްކަތް ނުކޮށް މަސައްކަތް ފެށުން މާ ރަނގަޅު ކަމަށެވެ.
"އަޅުގަނޑުމެންނަށް މިދިޔަ އަހަރު ސެޕްޓެމްބަރު ހާތާގައި އަޑުއިވުނު މަސައްކަތް ފަށަން ތައްޔާރުވެފައި އޮތްވާހަކަ. އަދި އެކަމަށް 10 މިލިއަަން ޑޮލަރު ހަރަދުވާނެކަމަށް ބުނި ހަބަރު. މިހާ ދުވަސް ވަންދެން މަސައްކަތް ނުފެށި އޮވެފައި ކުއްލިއަކަށް ބިން ބަދަލު ކޮށް ކައުންސިލަށް ސިޓީއެއް މިއައީ. އަޅުގަނޑުމެންނަކަށް ނޭގޭ ހަދަން އުޅޭ އެއްޗެއް. ކޮންމެ ގޮތެއް ވިޔަސް ކައުންސިލުން ދޭން ޖެހޭ އެއްބާރު ލުމެއް ލިބޭނެ. އޮންނަ އުސޫލުން"
"އައްޑޫލައިވް"އަށް އެގެފައިވާ ގޮތުން މަރަދޫއަށް މަސް ފެކްޓަރީ ބަދަލު ކުރުމަށް ނިންމާފައިވަނީ ރައީސް އޮފީހުގެ ޕްލޭނިން ސެކްޝަނުންނެވެ. އަދި އެގޮތަށް ނިންމީ ކޮން ސަބަބަކާއި ގުޅިގެން ކަން ވަނީ އޮޅުން ފިލާ ގޮތް ނުވެފައެވެ.
ނަމަވެސް ބައެއް ފަރާތްތަކުން ބުނަމުން ދަނީ ކުއްލި ގޮތަކަށް ބިން ނެތް ތަނަކަށް ޕްރޮޖެކްޓް ބަދަލު ކުރަނީ އެކަން ނުކޮށް ލަސް ކުރަން ކަމަށާއި، ކައުންސިލްގެގެ ވާހަކަ ދައްކަނީ ބަހަނާއެއް ދެއްކުމުގެ ގޮތުންނެވެ.
މި ސަރުކާރުން ވަނީ އައްޑޫ ސިޓީ ކައުންސިލް އުވާލާނެކަމަށް ބުނެ އިންޒާރުވެސް ދީފައެވެ.