އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް މޮޅުވިއިރު ޗެލްސީ އެއްވަރުވެއްޖެ އެވެ.
ޔުނައިޓެޑް ރޭ އަމިއްލަ ދަނޑުގައި 2-0 އިން ޓޮޓެންހަމް ބަލިކުރިއިރު، ލިވަޕޫލުން ވެސްޓްހަމް ޔުނައިޓެޑް ބަލިކުރީ 1-0 އިންނެވެ. އަދި ޗެލްސީ އާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު އެއްވަރުވީ ލަނޑެއް ނުޖެހި އެވެ.
ރޭގެ މެޗުން ބަލިވި ނަމަވެސް ކުޅުނު 11 މެޗުން ލިބުނު 23 ޕޮއިންޓާ އެކު ޓޮޓެންހަމް އޮތީ ލީގުގެ ތިންވަނައިގަ އެވެ. ހަތަރުވަނައިގައި 10 މެޗުން ލިބުނު 20 ޕޮއިންޓާ އެކު ޗެލްސީ އޮތްއިރު ކުޅުނު 10 މެޗުން ލިބުނު 19 ޕޮއިންޓާ އެކު ފަސްވަނައިގައި އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. ލިވަޕޫލް އޮތީ ކުޅުނު 10 މެޗުން ލިބުނު 16 ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގަ އެވެ.
ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު އެޓީމުގެ ފުރަތަމަ ގޯލް މެޗުގެ 47 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފްރެޑް އެވެ. މި ގޯލު ވަދެފައިވަނީ ޓޮޓެންހަމްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފްރެޑް ފޮނުވާލި ހަމަލާއެއް ޓޮޓެންހަމްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފަ އެވެ.
ޔުނައިޓެޑްގެ ދެވަނަ ގޯލް ފްރެޑް ދިން ޕާހަކުން މެޗުގެ 69 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބްރޫނޯ ފާނަންޑޭސް އެވެ. ބްރޫން މި ގޯލް ކާމިޔާބުކުރީ ޓޮޓެންހަމްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ. ލީޑު އިތުރަށް ފުޅާކޮށްލަން ޔުނައިޓެޑްގެ މާކަސް ރަޝްފޯޑަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް އެވެ.
ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ވެސްޓްހަމްގެ މައްޗަށް ކުރި ހޯދިއިރު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް މެޗުގެ 22 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑާވިން ނުނޭޒް އެވެ. ނަތީޖާ އެއްވަރުކޮށްލަން ވެސްޓްހަމް އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އެޓީމުގެ ޖެރަޑް ބޮވެން ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު އެލިސަން ވަނީ މަތަކޮށްފަ އެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ ނަތީޖާ އެއްވަރުކޮށްލަން ވެސްޓްހަމްގެ ސޫޗެކަށް ވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.
ރަށުން ބޭރުގައި ކުޅެ ޗެލްސީން ބްރެންޓްފޯޑާއި އެއްވަރުވިއިރު މި މެޗުގައި ދެ ޓީމަށް ވެސް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ. މި މެޗުގައި ދެ ޓީމުގެ ކީޕަރުންގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔައިރު މިއީ ބަލިނުވެ ޗެލްސީން ލީގުގައި ފުރިހަމަ ކުރި ފަސްވަނަ މެޗެވެ. މި މެޗުގެ ކުރިން ކުޅުނު ހަތަރު މެޗުވެސް ޗެލްސީ ވަނީ ކާމިޔާބުކޮށްފަ އެވެ.