ސްޕެނިޝް ލީގުގެ ފުލުގައި އޮތް އެލްޗޭ 3-0 އިން ބަލިކޮށް ރެއާލް މެޑްރިޑުން ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
ލީގުގެ އެއްވަނައިގައި ރެއާލް އޮތީ ކުޅުނު 10 މެޗުން ލިބުނު 28 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 9 މެޗުން ލިބުނު 22 ޕޮއިންޓާ އެކު އޮތީ ބާސެލޯނާ އެވެ. ބާސާ އިން ލީގުގައި މިރޭ ވިޔަރެއާލްއާ ދެކޮޅަށް ނިކުންނާނެ އެވެ.
އެލްޗޭގެ ދަނޑުގައި ކުޅުނު މި މެޗުގެ 11 ވަނަ މިނެޓްގައި ރެއާލްގެ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭ ވަނީ އެޓީމަށް ލީޑު ނަގާދީފަ އެވެ. ވަލްވާޑޭ މި ގޯލް ކާމިޔާބުކުރީ އެލްޗޭގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. ރެއާލްގެ ދެވަނަ ގޯލް މެޗުގެ 75 ވަނަ މިނެޓްގައި ކަރީމް ބެންޒެމާ ކާމިޔާބުކޮށްދިން އިރު އެޓީމުގެ ތިންވަނަ ގޯލް މެޗުގެ 89 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާކޯ އެސެންސިއޯ އެވެ.
ލީގުގައި 10 މެޗު ކުޅެ ނިމުނުއިރު ރެއާލް އަދި މެޗަކުން ބަލިވެފައެއް ނުވެ އެވެ. އެގޮތުން ރެއާލް އެއްވަރުވެފައިވަނީ ވެސް އެންމެ މެޗަކުންނެވެ.
ލީގުގައި ރެއާލް ދެން ބައްދަލުކުރާނީ ސެވިއްޔާއާ އެވެ.