Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

ބޯދިގު ހުންނެވީ ޓެކްސް ވިޕާ ދެކޮޅަށް

މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) --- ފޮޓޯ/ މަޖިލިސް

ޓެކްސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަފައިވާ އިރު، އެމްޑީޕީން އެކަމަށް ތާއީދުކުރަން ނިންމައި ނެރުނު ތުރީ ލައިން ވިޕާ އެއްގޮތަށް ވޯޓް ދެވެން ނެތް ކަމަށާއި ޓެކްސް ބޮޑުކުރަން ތާއީދުނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވެއްޖެ އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުންނެވީ ވިޕްލައިނާ ހިލާފަށް ކަމަށެވެ.

"އެމްޑީޕީގެ އެންމެހާ ބޭފުޅުންނަށް [ކިބައިން] މައާފަށް އެދެން. އަޅުގަނޑު ޓެކްސް ވިޕްލައިނާ ހިލާފުވާނެ،" ބޯދިގު ވިދާޅުވި އެވެ. "ޓެކްސް އިތުރުކުރުމަށް އަޅުގަނޑު ތާއީދެއް ނުކުރަން މިފަދަ ނާޒުކު ދަނޑިވަޅެއްގައި."

ޓެކްސް ބޮޑުކުރުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ތުރީ ލައިން ވިޕެއް ނެރުނީ މިދިޔަ އަންގާރަ ދުވަހު އެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހަޅާފައިވާ އިރު،މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ.

މީގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގުތިސާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފި ނަމަ، އާމްދަނީން ރިކަރެންޓް ޚަރަދުތައް ހަމަނުޖެއްސޭނެ ކަމަށް ފާހަގަވާތީ ދައުލަތަށް ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖެއްސުމެވެ.

އެގޮތުން އިސްލާހުގައިވާ ގޮތުން ޓީޖީއެސްޓީ 12 ޕަސެންޓުން 16 އަށް އަދި އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކުރަން ހުށަހަޅާފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މާލީ އިދާރާތަކުގެ ލަފަ އާއި މަޝްވަރާގެ ވެސް މަތިން ޓެކްސްތައް ބޮޑުކުރަން ނިންމި އިރު، ރާއްޖޭގައި ޖީއެސްޓީ އާއި އަދި ޓީޖީއެސްޓީ ރޭޓް ހުރީ ދުނިޔޭގެ ތަރައްގީވަމުން އަންނަ ކުދި ގައުމުތަކާ އަޅާބަލާ އިރު ނިސްބަތިން ދަށްކޮށެވެ.