Last Updated: April 29, 18:17
Monday, April 29, 2024
ރިޕޯޓް

ގެއްލުނު ހާޒިރީ: ކޮއްކޮ އަހުމަދުގެ ފޮނި ނަތީޖާ

މ. ހަވީރީނައިޓް އަހުމަދު ރަޝީދު އުމުރުން 17 އަހަރުގައި 1979 ގައި ވެލައްސަރުގެ ކޮމްޕްރެސަރު ބޯއީއަކަށް ޖަރުމަންގެ ޑައިވް ސްކޫލެއްގައި މަސައްކަތްކުރުން އެއީ ފެށުމެވެ.
އާންމު ނަމުން ނަމަ ކޮއްކޮ އަޙުމަދު، މޫދު ކުޅިވަރާއި ޑައިވް އިންސްޓްރަކްޓަރެއްގެ ގޮތުގައި އެ ދާއިރާ އަށް މީހުން ތަމްރީނުކޮށް ވަރަށް ގިނަ ޚިދުމަތްތަކެއްކޮށްދީ، އަމިއްލަ ވޯޓަ ސްޕޯޓްސް ސެންޓަރު ހަތަރު ރަށެއްގައި ވަރަށް ގިނަ ދިވެހި ކުދިން ތަމްރީނުކޮށްގެން ކުރި މަސައްކަތް ވަރަށް ކައިރިން ދެކި އަދި އެއްކޮށް ކަތަމަރާން ވިންޑްސާފް ދުއްވާ ކިތަންމެ އިރެއް ވަންދެން ރެޔާއި ދުވާލު ސޯޓްކޮޅެއް ލައިގެން މޫދުގައި އުޅެވިފައި ހުންނާނެ އެވެ.

ވެލައްސަރުން، ވާދޫން، 1986 ވަނަ އަހަރު ޔޫއެންޑީޕީގެ އެހީގައި ޑައިވް މާސްޓަރުން ތަމްރީނުކުރުމުގެ ފުރުޞަތުގެ ޗާންސެއް ލިބިގެން ޕްރޮފެޝަނަލީ އެ ދާއިރާއިން ސެޓްފިކެޓާއި އެއްކޮށް އިތުރު ހިތްވަރަކާއެކީ ޓުއަރިޒަމް ދާއިރާގައި ފައި ހަރުކޮށްލިކޮށްލުން އެއީ މުޅި ދިރިއުޅުމާ ވެސް ގުޅި މިއަދާ ހަމައަށް އެ ބުރަ މަސައްކަތުގެ އައްވާއި ފިނީގެ ހިތްވަރެވެ. ނަކައްޗާ އެއީ އެންމެ ގިނަ ދުވަހު ރިސޯޓެއްގެ ވަޒީފާއެއްގައި އަޙުމަދު ހިތްހަމަޖެހުމާ އެކު ދިރިއުޅުމެއް ފެށި އުފާ ލިބިގެން ދިޔަ ދުވަސްވަރެވެ.

ހޮލިޑޭ އައިލެންޑް، ރަންގަލި ރިސޯޓް ވެލާވަރު، ވިލަމެންދޫގައި އަމިއްލަ ވޯޓަ ސްޕޯޓްސް ހިންގަމުން ދިއުން އެއީ އަޙުމަދުގެ މަސައްކަތުގެ ކާމިޔާބެވެ. މި ދާއިރާގައި މަސައްކަތް ކުރަން އުޅެމުންދިޔަ ދުވަސްތަކުގައި އެންމެ އުނދަގޫ އެއް ކަމަކީ ރިޔާ ފަދަ ސަތަރީގެ ކަމެއް ކުރަން ޖެހިއްޖިއްޔާ ދާން ޖެހެނީ ސިލޯނުގެ ނިގަމްބޯއަށެވެ. އެތަނުގައި ތިބެ ޖަރުމަން ސްކޫލެއްގެ ބަޔަކާ ގުޅިގެން ނޫން ގޮތަކަށް މިކަން ކުރެވޭނެ ގޮތެއް ނޯވެ އެވެ.

ކޮންމެއަކަސް އަޙުމަދުގެ އާއިލާ ދެ ކުދިންނާއި އަންހެނުންނަކީ ވެސް އަޅުގަނޑުގެ ގާތް ރަޙުމަތްތެރީންނެވެ. އެގޮތުން ސިލޯނުގައި އާއިލާ ދިރިއުޅުނު ދުވަސްވަރު ވަރަށް ގިނައިން އަޙުމަދުގެ އާއިލާއާ އެއްކޮށް އުޅުމުގެ އުފާ އަޅުގަނޑަށް ވެސް ލިބިފައިވެ އެވެ.

ކިތަންމެ ދުވަހަކު މިރިޔާ ފަހާ ވިއްކާ މީހުން ކައިރިއަށް ގޮސް އެކަމުގައި އުޅޭއިރު އަބަދުވެސް އަޙުމަދު ބުނަމުންދާ ވާހަކަ އަކީ މިކަން ރާއްޖޭގައި ނުކޮށް ކުރިއެރުމެއް ނުލިބޭނެ ވާހަކަ އެވެ. ކޮންފަދަތޯ އެވެ؟ މިއަދު އަމިއްލަ ރިޔާ ފެކްޓްރީއެއް މާލޭގައި ހިންގާ، ރާއްޖޭން ބޭރުން ގެންނަ 69 ޕަސެންޓް ރިޔާ ވިއްކަނީ އަޙުމަދެވެ. އަދި ފެހުމާއި ރިޕެއާކުރުމުގެ 70 ޕަސެންޓް ކުރަމުން އަންނަނީ އަޙުމަދެވެ.

އޭރު އެއްކޮށް މަސައްކަތް ދަސްކޮށްދިން ޅަކުދިންގެ މިއަދުގެ އުފަލަކީ، އަޙުމަދަށް ގުޅާލާފައި ރިޔާ ފޮނުވުމުން އެކަން ހަމަޖެހޭކަމެވެ. މަސައްކަތް ބައިވެރެވެ. އަޙުމަދުގެ މިއަދުގެ މިސްރާބު ހުރީ އިންޓަނޭޝަނަލް ސެއިލިންއާ ދިމާޔަށެވެ. إنشا اللّٰه ފުރިހަމަ ކާމިޔާބަކަށް އެދެމެވެ.

އަޙުމަދުގެ ދެ ދަރީންގެ ތެރެއިން ކެވިން އެއީ މިއަދު ތުލުސްދޫގައި ވޯޓާ ސްޕޯޓްސް އަދި މޫދު ސާމާނު މަރާމާތުކުރާ ހިތްވަރު ހުރި ޒުވާނެކެވެ. ހަގުދަރި ރަޔާން އެއީ އިނގިރޭސިވިލާތު ޕޮލިސް ކެޑޭޓެކެވެ. މަންމައާ އެއްކޮށް ވިލާތުގެ ޒަމާނީ ދިރިއުޅުމުގަ އެވެ. ބުރަ މަސައްކަތުގެ ނަތީޖާ އަކީ އަޙުމަދުގެ ފޮނި ހުވަފެނެވެ. އަސްލު ކޮއްކޮ އަޙުމަދަކީ މީހުން ރުޅި އަންނަ ވަރަށް ފޮނިކަނޑައި ހީހަދާ މީހެކެވެ. އެއީ އަޙުމަދެވެ. އެއީ ގަސްތުގައި އަޙުމަދު ގެންގުޅޭ އެހެންމީހުންގެ ސްޓްރެސް އާއި ކަންބޮޑުވުން ލުއިކޮށްލަދޭ ހިތްހެޔޮ ރައްޓެހިކަމެކެވެ.

ޓުއަރިޒަމަށް 50 އަހަރުވީ އިރު އަދުގެ ސަރުކާރު އަދި މިނިސްޓްރީ މި ކަންކަން ހަނދުމަފުޅު ހުރިހެނެއް ހިއެއްނުވެއެވެ. ދެހާސް ބާވީސް ވަނަ އަހަރު މިވަރު ބައެއްގެ އަތުން އެވަރު ކަމެއް ވެސް ހިނގައިފާނެތާ އެވެ.

އެޑިޓަރުގެ ނޯޓް: މިއީ "ގެއްލުނު ހާޒިރީ" ގެ ނަމުގައި އައިސީ "އައްޑޫ ލައިވް" ގައި ގެނެސްދޭ ދެވަނަ އާޓިކަލެވެ. މި ސުރުހީގެ ދަށުން ގެނެސްދޭ ލިޔުންތައް އަމާޒުކޮށްފައި ހުންނާނީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގެ ހިދުމަތްތެރިންގެ ތެރެއިން އެ މީހުންގެ ހިދުމަތުގެ އަގުވަޒަން ނުކުރެވި ހުރި، އެކަމަކު އެ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރި "ގެއްލިފައިވާ" ހިދުމަތްތެރިންގެ ވާހަކަތަކަށެވެ.