Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

އޮޑިޓް އޮފީހަށް 93 މިލިއަން ރުފިޔާގެ ބަޖެޓެއް

އަންނަ އަހަރަށް ލަފާކޮށް އޮޑިޓަ ޖެނެރަލްގެ އޮފީހުން 95 މިލިއަން ރުފިޔާގެ ބަޖަޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަމަވެސް މާލިއްޔަތު ކޮމިޓީން އެ އޮފީހަށް 93.4 މިލިއަން ރުފިޔާގެ ބަޖެޓެއް ދޭން ފާސްކޮށްފި އެވެ.

މާލިއްޔަތު ކޮމިޓީން ދިރާސާކުރި އަންނަ އަހަރުގެ އޮޑިޓަ އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާ ވަކިން މަޖިލީހަށް ހުށަހަޅައި ފާސްކުރަންޖެހޭ ބަޖެޓެކެވެ. އެކަމަކު ދައުލަތުގެ ބަޖެޓް މަޖިލީހުން ފާސްކުރާއިރު އޮޑިޓް އޮފީހުގެ ބަޖެޓުވެސް ފާސްކޮށް ދައުލަތުގެ ބަޖެޓްގައި ހިމަނަންޖެހެ އެވެ. އޮޑިޓް އޮފީހަށް 95 މިލިއަން ރުފިޔާގެ ބަދަލުގައި 93.4 މިލިއަން ރުފިޔާގެ ބަޖެޓެއް ދޭން ފާސްކުރީ
ފިނޭންސް މިނިސްޓްރީގެ މަޝްވަރާގެ މަތިންނެވެ.

އޮޑިޓް އޮފީހަށް ދޭން ފާސްކުރި ބަޖެޓްގެ 61 މިލިޔަން ރުފިޔާ އަކީ އޮފީސް ހިންގުމާއި، ހަރުމުދާ ގަތުމަށް ކަނޑައެޅި ބަޖެޓެވެ. އަދި 32 މިލިޔަން ރުފިޔާ އަކީ ކެޕިޓަލް ޚަރަދެވެ.

ހުށަހެޅި ބަޖެޓާ ބެހޭ ގޮތުން އޮޑިޓް އޮފީހުން ބުނެފައި ވަނީ އަންނަ އަހަރު އެ އޮފީހުން 327 އޮޑިޓެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މުޅި ދައުލަތުގެ އޮޑިޓާއި 88 ކައުންސިލެއްގެ އޮޑިޓް ހިމެނެ އެވެ. އަދި ބާކީ ކައުންސިލްތައް އޮޑިޓްކުރަން ނިންމާފައި ވަނީ އައުޓްސޯސްކޮށްގެން ކަމަށް ބުންޏެވެ.

މި އަހަރަށް އޮޑިޓް އޮފީހަށް ފާސްކުރީ 90 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ.