ހާއްސަަ އަށް ބޭނުންވާ ކުއްޖަކު މީގެ ދެ އަހަރު ކުރިން ރޭޕްކުރި މީހަކު 18 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާތީ އެ މައްސަލައާ ގުޅިގެން ފުލުހުން ހިންގި ތަހުގީގަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ތައުރީފު ކުރައްވައިފި އެވެ.
އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ފުރިހަމަ ތަހުގީގެއްގެ ނަޖީތާ ކަމަށާއި ކުޑަކުދިންނާ މެދު ހިންގާ ޖަރީމާތައް ވަރަށް ސީރިއަސްކޮށް ފުލުހުން ނަގާނެ ކަމަށެވެ.
"ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ،" ސީޕީ ވިދާޅުވި އެވެ. "އެހެންވީމަ މިއީ އެފަދަ ޖަރީމާތައް ހިންގާ މީހުންނަށް ދޭ އިންޒާރެއް ވެސް މެ."
އޯޓިޒަމް ހުންނަ 15 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލާގައި ކުށް ސާބިތުވެ 18 އަހަރުގެ ޖަލު ހުކުމެއް އިއްޔެ ކްރިމިނަލް ކޯޓުން އިއްވާފައި ވަނީ އެ ކުއްޖާގެ ޅިޔަނެކަށެވެ. މި ހާދިސާ ހިނގީ މެދުރާއްޖެތެރޭގެ އަތޮޅެއްގެ ރަށެއްގަ އެވެ. އެ މައްސަލާގައި ހުކުމް ކުރީ އުމުރުން 37 އަހަރުގެ މީހަކަށެވެ.