Last Updated: July 23, 10:04
Thursday, July 23, 2026
ދުނިޔެ

ޔޫކޭގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ލިޒް ޓްރަސް އިސްތިއުފާ ދެއްވައިފި އެވެ.

މީގެއިރުކޮޅެއް ކުރިން ދެއްވި ބަޔާނެއްގައި ޓްރަސް ވިދާޅުވީ ކޮންޒަވޭޓިވް ޕާޓީގެ މެމްބަރުން އޭނާ މަގާމަށް އިންތިހާބުކުރީ އެގައުމުގެ އިގްތިސާދު ހަމަޔަކަށް އެޅުވުމަށް ކަމަށާއި ނަމަވެސް އެކަން ފުއްދައިނުދެވުމުން މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށެވެ.

ޓްރަސް ވަނީ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވިކަން ރަސްގެފާނު ޗާލްސް އަށް ދަންނަވާފައިވާކަން ވެސް ހާމަކުރައްވާފަ އެވެ. އަދި އާ ބޮޑުވަޒީރެއް ހަފްތާއެއްގެ ތެރޭގައި އިންތިހާބު ކުރާނެ ކަމަށާއި އެގޮތުން އާ ބޮޑުވަޒީރެއް އިންތިހާބު ކުރެވެންދެން މަގާމުގައި ދެމި ހުންނަވާނެ ކަމަށްވެސް ޓްރަސް ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އޮތް ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް ވަޑައިގަންނަވާ ބޭފުޅެކެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް ކޮންޒަވޭޓިވް ޕާޓީގެ އާންމު މެމްބަރުންގެ ވޯޓުން ޓްރަސް އިންތިހާބުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު އެވެ. ޓްރަސް އަކީ އިނގިރޭސި ބޮޑުވަޒީރު ކަމުގެ މަގާމު އެންމެ ކުރު މުއްދަތަކަށް ފުރުއްވި ފަރާތެވެ.

ޓްރަސް މަގާމުން އިސްތިއުފާ ދެއްވިއިރު އެކަމަނާގެ ސަރުކާރުން ތަންފީޒު ކުރަން ފެށި އިގްތިސާދީ އެޖެންޑާގެ ދަށުން އެ ގައުމުގެ ބައެއް ޓެކްސްތައް ބޮޑުތަނުން ކުޑަ ކުރުމަށް ނިންމި ނިންމުމާއެކު ސްޓާލިން ޕައުންޑްގެ އަގު ވަނީ މީގެ ކުރިން ދުވަހަކު ވެސް ނުދާ ވަރަށް ދަށަށް ގޮސްފަ އެވެ. އެއާއެކު އިނގިރޭސި ސަރުކާރުން ވަނީ 45 ޕަސެންޓް އިންކަމް ޓެކްސް ކަނޑާލަން އޭރު ނިންމި ނިންމުމާއެކު ގިނަ ނިންމުންތައް އަނބުރާ ގެންގޮސްފަ އެވެ.

އާ ސަރުކާރުގެ އިގްތިސާދީ އެޖެންޑާ އަށް އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން ޓްރަސް ވަނީ މިދިޔަ ހަފްތާގައި ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ކްވާސީ ކްވާޓެންގް މަގާމުން ވަކިކުރައްވާފަ އެވެ.