Last Updated: April 19, 18:16
Friday, April 19, 2024
ޚަބަރު

ޢިމާރާތްކުރުމުގެ ދާއިރާގެ ކަންބޮޑުވުންތައް ރައީސަށް

ރާއްޖޭގެ އިމާރާތްކުރުމުގެ ޞިނާޢަތުގައި ހުރި ކަންބޮޑުވުންތައް، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ)އިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ޙިއްޞާ ކުރައްވައިފި އެވެ.

މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި މިބައްދަލުވުމުގައި މަސީގެ ރައީސް މުޙައްމަދު ޢަލީ ޖަނާޙް ވަނީ، އިމާރާތް ކުރުމުގެ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރެއްވުމުގައި ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބެމުންދާކަން ފާހަގަ ކުރައްވައި، މަސީން ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން ރައީސަށް އަރުވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި، ދުނިޔޭގެ އިޤުތިޞާދަށް އަންނަމުންދާ ލޮޅުންތަކާއެކު ރާއްޖޭގެ ޢިމާރާތްކުރުމުގެ ސިނާޢަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، އަދި ސަރަހައްދުގެ ޤައުމުތަކުންވެސް އެޤައުމުތަކުގައި އަޅާ ފިޔަވަޅުތަކާ ގުޅޭގޮތުން މަސީއިން ވަނީ ރައީސްއާ ޙިއްޞާކުރައްވާފަ އެވެ.

މިގޮތުން މަސީން ފާހަގަކުރެއްވި މުހިއްމު ކަންކަމުގެ ތެރޭގައި، ކޯވިޑާއި އަދި ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން އިންފްލޭޝަން މަތިވެ، ދުނިޔޭގެ ބާޒާރުގައި އިމާރާތްކުރުމަށް ބޭނުންކުރާ މައިގަނޑު ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން، ކޮންޓްރެކްޓަރުންނަށް ލިބޭ ގެއްލުންތަކާއި، ޑޮލަރުގެ ދަތިކަމާއި، މަޝްރޫއުތައް ހިންގުމަށްފަހުގައި ކުންފުނިތަކަށް ލިބެން ޖެހޭ ފައިސާ މިހާރަށްވުރެވެސް އަވަހަށް ލިބޭނެ ގޮތެއް ހަމަޖެހުމާއި، ކުންފުނިތަކަށް ދިމާވާ މާލީދަތިތަކަށް ބޭންކިންގ ނިޒާމްގެ ތެރެއިން ލުޔެއް ހޯދުމާއި، ލޭބަރުން ލިބުމުގައި ހުރި ދަތިތަކާއި، ޖީއެސްޓީ ދެއްކުމުގައި މިހާރު ދިމާވާދަތިތައް ހައްލު ކުރުމާއި، ރިއަލްއެސްޓޭޓް ވިޔަފާރީގައި ހުރި ދަތިތައް ހިމެނެ އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، މަސީއިން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. މިގޮތުން މިހާރުވެސް ކޮންޓްރެކްޓަރުންނަށް އަވަހަށް ފައިސާ ދޫކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މިނިސްޓްރީތަކުން ކަންކަން ހައްލުކުރެއްވުމަށްޓަކައި ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާކަންވެސް ފާހަގަކުރެއްވި އެވެ.

މަސީ އަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ކުންފުނިތައް ބައިވެރިވާ ޖަމިއްޔާއެކެވެ.